ޤާހިރާ : އަލްޤާއިދާގެ ވެރިޔާ އުސާމާ ބިންލާދިން އަވަހާރަކޮށްލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑަށް އެއްލާލުމަކީ އެމެރިކާއިން އިސްލާމް ދީނަށާއި އިސްލާމީ އުސޫލުތަކަށް ކުރި އިހާނާތެއް ކަމަށް މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގައި ޝައިޚް ޑރ. އަހްމަދު އައްތައްޔިބު ވިދާޅުވެއްޖެ އެވެ.

ޑރ. އަހްމަދު އައްތައްޔިބު ސޮއިކުރައްވައި އަޒްހަރުން ނެރުނު ބަޔާނެއް ބުނިގޮތުގައި އުސާމާ އަކީ ކޮންމެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ބޭފުޅެއްނަމަވެސް އޭނާއަކީ މުސްލިމަކަށްވާތީ މުސްލިމެއްގެ މަރުވެފައިވާ ހަށިގަނޑަށް އިހްތިރާމް ކުރަންޖެހޭނެ ކަމުގަ އެވެ.

މުސްލިމެއްގެ މަރުވެފައިވާ ހަށިގަނޑަށް އިހްތިރާމް ކުރުމަކީ އެހަށިގަނޑު ބިމުގައި ވަޅުލުން ކަމަށާއި ކަނޑަށް އެއްލާލުންފަދަ އިހާނާތްތެރިގޮތްތައް މަރުވެފައިވާ މުސްލިމެއްގެ ހަށިގަނޑަށް ހެދުމަކީ އިސްލާމް ދީނަށާއި އިސްލާމީ އުސޫލުތަކަށް އިހާނާތް ކުރުމުގެ ނާތަހުޒީބު އަމަލެއްކަމުގަ އެވެ.

އަޒްހަރުގެ ބަޔާނުގައި އުސާމާ ބިންލާދިން އަވަހާރަކޮށްލި ކަމަށް އެމެރިކާ ދައްކާވާހަކަތަކުގެ ސައްހަ ކަމާމެދު ނުސީދާގޮތެއްގައި ސުވާލު އުފައްދާފައިވެ އެވެ. އެމެރިކާގެ މަސްއޫލުވެރިންނަކީ ކޮންމެ ފަދަދޮގެއްވެސް ހައްދަވާފާނެ ބައެއްކަން ހާމަވެފައިވަނީ އިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށްބުނެ އެމެރިކާ ހެދި ބޮޑެތި ދޮގުތައް ބޭޒާރުވުމާ ގުޅިގެންނެވެ.
އަޒްހަރުގެ ޝައިޚް ގެ މުސްތަޝާރެއް ކަމަށްވާ ޑޮކްޓަރ މަހްމޫދް އަޒްބު ވިދާޅުވި ގޮތުގައި އުސާމާގެ ހަށިގަނޑު ކަމަށްބުނެ އެމެރިކާ ދެއްކި މީހާއަކީ އުސާމާ ކަމަށްވެފައި އެހަށިގަނޑު ކަނޑަށް އެއްލާލިނަމަ އެއީ އިސްލާމް ދީނާ ދެކޮޅަށް އެމެރިކާ ހިންގި އިހާނާތުގެ އަމަލެއް ކަމުގަ އެވެ. އަޒްބު ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި މުސްލިމުންނެކޭ އެއްގޮތަށް ޣައިރު މުސްލިމުންގެ މަރުވެފައިވާ ހަށިތަކަށްވެސް އިހްތިރާމް ދީފައިވާ ކަމުގަ އެވެ. މިގޮތުން ޣައްރު މުސްލިމުންގެ ހަށިތަކާމެދުވެސް ކަންތައް ކުރަން ޖެހޭނީ އެބައަކު ޤަބޫލުކުރާ ހަމަތަކާއި އަހްލާޤީ މިންގަނޑުތަކަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އުސާމާ ބިންލާދިންގެ ހަށިގަނޑު ކަނޑަށް އެއްލާލިކަމަށް އެމެރިކާ ބުނަނީ އޭނާގެ ހަށިގަނޑު ބަލައިގަންނާނެ އެއްވެސް ޤައުމެއް ދުނިޔޭގައި ނެތް ކަމަށްބުނެ ބަހަނާތަކެއް ދެއްކުމަށްފަހު އެވެ. ނަމަވެސް އުސާމާގެ ހަށިގަނޑު ވަޅުލުމުގެ ހުއްދަ ހޯދުމަށް އެއްވެސް އިސްލާމީ ޤައުމެއްގެ ކިބައިން އެމެރިކާ އެދިފައިނުވާ ކަމަށް ހަބަރުތައް ބުނެއެވެ.

އުސާމާގެ ހަށިގަނޑުކަމަށް އެމެރިކާބުނާ ހަށިގަނޑު ކަނޑަށްފެއްތީ އިސްލާމީ އުސޫލުތަކާއެއްގޮތަށް ކަފުންކޮށް ކަށުނަމާދު ކުރުމަށްފަހުގައި ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ. މިކަންކުރީ އަރަބި ކަނޑުގައި އޮތް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ކާލް ފިންސޮންގައި ކަމަށް ވެސް އެމެރިކާ ބުނެ އެވެ. އުސާމާ ބިންލާދިން ބިމުގައި ވަޅުލައިފިނަމަ ހަރުކަށި ހިލާޔުގެ ބައެއް މީހުން އެތަނަށް އިހްތިރާމްކޮށް އެތަން ޒިޔާރަތަކަށް ހަދާފާނެ ކަމަށްވެސް އެމެރިކާ ބުނެ އެވެ.

މިއީ އެމެރިކާއަށް ހަޖަމުކުރެވޭނެ ކަމަކަށް ނުވުމަކީ އުސާމާގެ ހަށިގަނޑު ކަނޑަށް އެއްލާލުމުގެ މައިގަނޑު ސަބަބު ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.