06 Apr 2016, 23:50
އިގްތިސާދީ ބެކްބޯންއަކަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ހެދުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިގްތިސާދުގެ "މައިބަނދަ"އަކަށް އައިއެންއައިއޭ ހެދުމުގެ ފުރުސަތު ލިބުނީ ވިސްނުންތެރިކަމާއެކު އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުން ކަމަށެވެ.
"ވިސްނުމާއެކު ކުރެވުނު މަސައްކަތެއްގައި ކޮންމެ ވެސް ވަރެއްގެ ބަދަލެއް ދޭންޖެހުނު ކަމުގައިވިޔަސް، އިރާދަ ކުރެއްވިއްޔާ އެއާޕޯޓް މި ވަނީ އަޅުގަނޑުމެން ބޭނުންވާ ތަރައްގީ އަދި އިގްތިސާދުގެ 'ބެކްބޯން' އަށް ހެދުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިފައި،" ރައީސް ޔާމިން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް ޗައިނާއިން ރާއްޖެއަށް ލުއި ލޯނުގެ ގޮތުގައި 400 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދީފައިވާ ކަމަށެވެ. އެއާޕޯޓުގެ ތަރައްގީއަށް ޗައިނާއިން ރާއްޖެއަށް ލޯނު ދީފައިވާއިރު، އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ހަވާލުކޮށްފައި ވަނީ ވެސް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އެވެ.
"މިފަދަ ވަސީލަތްތައް އަޅުގަނޑުމެންނަށް މި ދެންނެވި ގޮތަށް ލިބިގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް މިކަމެއް ނުކުރެވޭނެ. މިއީ އަޅުގަނޑުމެންގެ ރަންވޭއާ އެއާޕޯޓުގެ އިންވެސްޓްމެންޓުގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައިއެންއޭ ވެގެންދާނީ މި ސަރަހައްދުގައި އޮތް އެންމެ ހިތް ގައިމު އެއާޕޯޓަށް ކަމަށާއި އަދި އެއީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް އެންމެ އެކަށީގެންވާ އެއާޕޯޓު ކަމަށެެވެ.
އޭޕްރީލް 6، 2016: އައިއެންއައިއޭގެ ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަހަރެއްގެ ތެރޭގައި އައިއެންއައިއޭ އިން 1.5 މިލިއަން މީހުނަށް ހިދުމަތްދެވޭނަމަ، އައިއެންއައިއޭ ތަރައްގީކޮށް ނިމޭއިރު، އަހަރެއްގެ ތެރޭގައި 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ އެއާޕޯޓު މި ހޭންޑަލް ކުރަނީ ދަތިކަމާއެކީގައި ނަމަވެސް ގާތްގަނޑަކަށް 1.5 މިލިއަނެއްހާ ފަސެންޖަރުންނަށް ކަމަށް ވަންޏާ، އަޅުގަނޑުމެން އަލަށް މި ހަދާ އެއާޕޯޓު ހެންޑަލް ކުރާނީ ގާތްގަނޑަކަށް 7.5 މިލިއަން ފަސެންޖަރުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައިއެންއައި ތަރައްގީ ވެގެން ދިއުމުން، ފުރަން އަންނަ ފަސެންޖަރުން ފޫހި ނުފިލާ ވަރުގެ ހިދުމަތްތައް އެއާޕޯޓުގެ ޓާމިނަލް ތެރޭގައި ގާއިމު ކުރެވޭނެ ކަމަށެވެ. އަދި އެ އެއާޕޯޓު ވެގެންދާނީ ރާއްޖޭގައި އެންމެ ބޮޑަށް ޓެކްނޮލޮޖީ އެޕްލައި ކުރެވިގެންދާނެ އެއާޕޯޓަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހަމައެއާއެކު، އެ އެއާޕޯޓުން އެތައް ސަތޭކަ ވަޒީފާއެއް އުފެދިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެއާޕޯޓުގެ ބޭނުން އެންމެ ބޮޑަށް ހިފާ ބަޔަކަށް ރާއްޖެއަށް ދަތުރު ކުރާ މެހުމާނުން ވެގެން ދާނެތީ، އިތުރަށް އުފެދޭ 70 އެތައް ރިސޯޓަކުން ވެސް އެތައް ހާސް ވަޒީފާއެއް އުފެދިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއަކީ 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެކެވެ.
މިރޭ އިފްތިތާހު ކުރި މަޝްރޫއުގެ ދަށުން މިހާރު އޮތް ރަންވޭ އާއެކު ދިގުމިނުގައި 3،400 މީޓަރު ދިގު އަދި ފުޅާ މިނުގައި 65 މީޓަރު ހުންނަ އާ ރަންވޭއެއް ގާއިމު ކުރެވޭނެ އެވެ. އަލަށް ގާއިމު ކުރާ ރަންވޭގައި މިހާރު ދުނިޔޭގައި ބޭނުން ކުރެވޭ އެންމެ ބޮޑެތި މަތިންދާ ބޯޓު ކަމަށްވާ އޭ ތްރީ އެއިޓީ ބޯޓު ފަހަރަށް ޖެއްސޭނެ އެވެ. އަދި ކުރީގެ ރަންވޭ ޓެކްސީވޭ އަކަށް ބަދަލު ކުރެވިގެން ދާނެ އެވެ.
ހަމައެއާއެކު، އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ފިއުލް ފާމް ތަރައްގީކޮށް މިހާރަށްވުރެ ތިން ގުނަ އިތުރު އަދަދަކަށް ތެޔޮ ރައްކާ ކުރުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ އެވެ. އަދި އަލަށް ގާއިމު ކުރެވޭ ހައިޑްރަން ސިސްޓަމްގެ ތެރެއިން މަތިންދާ ބޯޓުތަކަށް ހޮޅިއެއް ގުޅާލައިގެން ތެޔޮ އެޅޭނެ އިންތިޒާމުވެސް ހަމަ ޖެހިގެންދާނެ އެވެ.
ހަމައެހެންމެ، އެ މަޝްރޫއުގެ ދަށުން އަލަށް ގާއިމު ކުރެވޭ ޒަމާނީ ކާގޯ ކޮމްޕްލެކްސް ނިމުމުން މަތިންދާ ބޯޓްތަކުން ބާލާ އަދި އަރުވާ ކާގޯގެ ކަންކަންވެސް އެންމެ ޒަމާނީ ފެންވަރަށް އަވަސް ކަމާއެކު ކުރިޔަށް ގެންދެވޭނެ އެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތައް ނިންމުމަށް ކަނޑައަޅަފައި ވަނީ 2018 ވަނަ އަހަރަށެވެ.