07 Apr 2016, 09:24
ޕެނަމާ ޕޭޕާސްގެ ނަމުގައި ލީކުކޮށްލި ލިޔެކިޔުންތަކާ ގުޅިގެން ސުވިސް ފުލުހުން ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާގެ ހެޑްކުއާޓާސް ބަލައި ފާސްކުރަން ފަށައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ބަޔަކު ލީކުކޮށްލި ލިޔެކިޔުންތަކުގައި ފީފާގެ ރައީސްކަމަށް ދާދިފަހުން އިންތިހާބުވި އަދި ޔޫއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފެންޓީނޯއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ.
ޕެނަމާ ޕޭޕާސްއިން ބުނާގޮތުގައި، ޕެނަމާގެ މަޝްހޫރު އޮފްޝޯ ލޯ ފާމް، މޯސެކް ފޮންސެކާއިން ލީކުވެފައިވާ ލިޔެކިޔުންތަކުގައި ޔޫއެފާގެ ލީގަލް ސާވިސަސްގެ މަގާމުގައި އިންފެންޓީނޯ ހުރެ، 2006 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ޔޫއެފާ ކަޕް އަދި ސުޕަ ކަޕްގެ ސައުތު އެމެރިކާ ބްރޯޑްކާސްޓިން ރައިޓްސްގެ އެއްބަސްވުމުގައި ކްރޮސް ޓްރޭޑިންއާއެކު އޭނާ ސޮއިކުރި އެވެ.
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކްރޮސް ޓްރޭޑިން އިން ބްރޯޑްކާސްޓިން ރައިޓްސް ބްރޯޑްކާސްޓަރު ޓެލީމަޒޯނަސް އަށް ވިއްކާލާފައިވާ ކަމަށް ވެސް ޕެނަމާ ޕޭޕާސްއިން ބުނެ އެވެ.
ޕެނަމާ ޕޭޕާސްގައިވާ ގޮތުން، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރައިޓްސް 111،000 ޑޮލަރަށް ޔޫއެފާއިން ގަތުމަށްފަހު، ކްރޮސް ޓްރޭޑިންއިން ޓެލީމަޒޯނަސްއަށް ވިއްކާލީ 311،170 ޑޮލަރަށެވެ.
ޔޫއެފާއިން ސުޕަ ކަޕްގެ ރައިޓްސް 28،000 ޑޮލަރަށް ގަތުމަށްފަހު، ހޫގޯ ޖިންކިސްއާއި އޭނާގެ ދަރި މަރިއާނޯގެ ހިއްސާ އޮންނަ ކްރޮސް ޓްރޭޑިންއިން އިކުއެޑޯގެ ބްރޯޑްކާސްޓަރު ޓެލީމަޒޯނަސްއަށް ވިއްކާލީ 126،200 ޑޮލަރަށް ކަމަށް ޕެނަމާ ޕޭޕާސްއިން ބުނެއެވެ.
ސްވިސް ފުލުހުން ޔޫއެފާގެ ހެޑްކުއާޓާސްއަށް ވަދެފައިވާކަން އެ އިދާރާއިން ވެސް ކަށަވަރުކޮށްދީފައިވެ އެވެ.
"ވޮރެންޓަކާއެކު ޔޫއެފާ އަދި ކޮރޮސް ޓްރޭޑިން/ޓެލީމަޒޯނަސް ކޮންޓްރެކްޓާ ގުޅިގެން ފުލުހުން ޔޫއެފާގެ ހެޑްކުއާޓާސްއަށް ވަނީ ވަދެފައި. ފުލުހުންނަށް މި އިދާރާއިން ފުރިހަމަ އެއްބާރުލުން ދިނިން،" ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޕެނަމާ ޕޭޕާސްގެ ލިޔެކިޔުންތަކާ ގުޅިގެން އިންފެންޓީނޯ ބުނީ، މީގެ ހަތް އަހަރު ކުރިން ހަދާފައިވާ އެއްބަސްވުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެކަމާ ގުޅިގެން ކަމާބެހޭ އެއްވެސް ފަރާތަކުން އޭނާއާ ސުވާލުކޮށްފައި ނުވާ ކަމަށެވެ.
ޕެނަމާ ޕޭޕަސްގައިވާ ގޮތުން، ދުނިޔޭގެ މަޝްހޫރު ސިޔާސީ ލީޑަރުންނާއި، ބޮޑެތި ވިޔަފާރިވެރީންނާއި ފިލްމީ ތަރިންނާއި ކުޅިވަރު ޝަހުސިއްޔަތުތައް ވެސް ވަނީ، މޯސެކް ފޮންސެކާ މެދުވެރިކޮށް ހިންގާފައިވާ އެތަކެއް ޓްރިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މުއާމަލާތްތަކުގައި ބައިވެރިވެފަ އެވެ.