06 Apr 2016, 21:48
ިއިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ އާ ރަންވޭ އާއި އޭޕްރަން އަދި ފިއުލް ފާމާއި ކާގޯ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށް ދެއްވައިފި އެވެ.
ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމަށް ހިންގާ 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ.
މިރޭ އިފްތިތާހު ކުރި މަޝްރޫއުގެ ދަށުން މިހާރު އޮތް ރަންވޭ އާއެކު ދިގުމިނުގައި 3،400 މީޓަރު ދިގު އަދި ފުޅާ މިނުގައި 65 މީޓަރު ހުންނަ އާ ރަންވޭއެއް ގާއިމު ކުރެވޭނެ އެވެ. އަލަށް ގާއިމު ކުރާ ރަންވޭގައި މިހާރު ދުނިޔޭގައި ބޭނުން ކުރެވޭ އެންމެ ބޮޑެތި މަތިންދާ ބޯޓު ކަމަށްވާ އޭ ތްރީ އެއިޓީ ބޯޓު ފަހަރަށް ޖެއްސޭނެ އެވެ. އަދި ކުރީގެ ރަންވޭ ޓެކްސީވޭ އަކަށް ބަދަލު ކުރެވިގެން ދާނެ އެވެ.
ހަމައެއާއެކު، އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ފިއުލް ފާމް ތަރައްގީކޮށް މިހާރަށްވުރެ ތިން ގުނަ އިތުރު އަދަދަކަށް ތެޔޮ ރައްކާ ކުރުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ އެވެ. އަދި އަލަށް ގާއިމު ކުރެވޭ ހައިޑްރަން ސިސްޓަމްގެ ތެރެއިން މަތިންދާ ބޯޓުތަކަށް ހޮޅިއެއް ގުޅާލައިގެން ތެޔޮ އެޅޭނެ އިންތިޒާމުވެސް ހަމަ ޖެހިގެންދާނެ އެވެ.
ހަމައެހެންމެ، އެ މަޝްރޫއުގެ ދަށުން އަލަށް ގާއިމު ކުރެވޭ ޒަމާނީ ކާގޯ ކޮމްޕްލެކްސް ނިމުމުން މަތިންދާ ބޯޓްތަކުން ބާލާ އަދި އަރުވާ ކާގޯގެ ކަންކަންވެސް އެންމެ ޒަމާނީ ފެންވަރަށް އަވަސް ކަމާއެކު ކުރިޔަށް ގެންދެވޭނެ އެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތައް ނިންމުމަށް ކަނޑައަޅަފައި ވަނީ 2018 ވަނަ އަހަރަށެވެ.