06 Apr 2016, 19:33
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.
އެ ދެމީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުންނެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ ރިލްވާން ގެއްލުނުރޭ ހުޅުމާލޭގައި ދުއްވި ރަތްކާރުގެ ވެރި ފަރާތްކަމުގައިވާ ހ. ހިލްޓަން އަހްމަދު އާލިފް އަރޫފެވެ. އެ ކާރުން ފެނުނު އިސްތަށްޓެއްގެ ޑީއެންއޭ، ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވެ އެވެ.
އޭނާގެ އިތުރުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި އެ ކާރު ގެންގުޅުނު މީހާއެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއް ކަމަށެވެ.
ެއެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރިލްވާން ގެއްލުނުތާ 606 ދުވަސް ފަހުންނެވެ. އެއީ މީގެކުރިން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބައެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ރިލްވާން ގެއްލުނު މައްސަލާގައި ފަސް މީހަކު ފުލުހުން އޭރު ހައްޔަރުކުރިއެވެ. ނަމަވެސް ވަކި ހިސާބަކުން ކޯޓުން ވަނީ އެ މީހުން ދޫކޮށްލާފައެވެ.
މީޑިއާ އަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ރިލްވާން ގެއްލުނު ދުވަހު އޭނާއަށް ފާރަލަމުން ބަޔަކު ދިޔަ ކަމަށާއި އެކަން ކުރީ ކުޑަހެންވޭރަށް ނިސްބަތްވާ ބައެއް ކަމަށެވެ. ރިލްވާންއަށް ފާރަލުމުގައި އިސްކޮށް އުޅުނީ ސ. ހުޅުދޫ، އަތިރިއާގެ، މުހައްމަދު ސުވައިދު ކަމަށާއި އޭނާ މިހާރު ރާއްޖޭގައި ނެތް ކަމަށް ޝަތީހު ވިދާޅުވި އެވެ. ސުވައިދުއަކީ ރިލްވާންގެ މައްސަލާގައި ހައްޔަރު ކުރުމުން ކޯޓުން ދޫކޮށްލި މީހެކެވެ.