06 Apr 2016, 19:54
ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ކަންކަން ބައްޓަންކޮށް، އެ މަގަށް ރާއްޖެ ރުޖޫއަވުމަށް އެމެރިކާއިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތޫލް ކެޝަޕް ގޮވާލައްވައިފި އެވެ.
ސްރީލަންކާގައި ހުންނަ އެމެރިކާގެ ހައިކޮމިޝަނުގެ ފަރާތުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ޚާއްސަ ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން، ކެޝަޕް ވަނީ، އެމެރިކާ އިން ރާއްޖެއާ މެދު ބޮޑެތި އުންމީދުތަކެއް ކުރާކަން ހާމަ ކުރައްވައިފަ އެވެ.

އެމެރިކާއިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެގޮތުން، އެމެރިކާ އިން ތަސައްވަރުކުރާ ރާއްޖެއަކީ އަމާން، ސުލްހަވެރި އަދި ޑިމޮކްރެޓިކް ތަނެއް ކަމަށާއި، ރާއްޖެ ތަސައްވަރު ކުރެވެނީ އިންސާނީ ހައްގުތައް ކަށަވަރު ކޮށްދީ، ވަކި ފަރާތަކަށް ނުޖެހި ގާނޫނުގެ ބާރު ނަގަހައްޓައި، އެންމެންނަށް ވެސް ހަމަހަމަ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ތަސައްވަރު ހަގީގަތަކަށް ވެއްޖެ ނަމަ، އިންޑިއާ ކަނޑާއި ޕެސިފިކް ސަރަހައްދަށް ހަމަޖެހުމާއި ރައްކާތެރިކަން އަންނާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
"ރާއްޖޭގެ މި ތަސައްވަރު އުފެދެނީ ވަރުގަދަ، އަދި އެންމެން ޝާމިލުވާ ޑިމޮކްރަސީއަކާއި މަދަނީ މުޖުތަމަޢަކަށް. މި ތަސައްވަރު ބިނާވަނީ މިނިވަން އަދި ހުޅުވާލެވިފައިވާ މީޑިއާއަކާއި، ބިރެއް ނެތި ޑިމޮކްރަސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބޭނުން ހިފާ ރައްޔިތުންތަކެއްގެ މައްޗަށް،" ސަފީރު ކެޝަޕް ވިދާޅުވި އެވެ.

އެމެރިކާ އެމްބަސީން މިއަދު ހަވީރު ބޭއްވި ޖާފަތުގެ ބައެއް ބައިވެރިން -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ސަފީރު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގައި މިދިޔަ ތިން ދުވަހު ވަނީ އެކި ފަރާތްތަކާ ބައްދަލު ކުރައްވާފައި ކަމަށާއި، އެއިން ކޮންމެ ބައްދަލުވުމެއްގައި ވެސް، ރާއްޖޭގައި ދާދި ފަހުން ހިނގާފައިވާ، އަދި ހިނގަމުންދާ ކަންކަމާ މެދު ކަންބޮޑުވާކަން ހާމަ ކުރެއްވި ކަމަށެވެ.
"އެމެރިކާ އިން އެދެނީ ރާއްޖޭގެ މުސްތަގުބަލު އުޖާލާ ކުރުމަށް ޓަކައި ރާއްޖެ އިން ކުރިން ފެނުނު ޑިމޮކްރަޓިކް ގޮތްތައް އިޔާދަ ކުރުމަށް. ރާއްޖޭގެ ލަނޑުދަނޑިތައް ހާލުކުރުމަށް އެމެރިކާ އިން މިހާރު ފަދައިން އަބަދު ވެސް ދެމި ތިބޭނަން،" ސަފީރު ކެޝަޕް ވިދާޅުވި އެވެ.

އެމެރިކާ އެމްބަސީއިން މިއަދު ހަވީރު ބޭއްވި ޖާފަތުގެ ބައެއް ބައިވެރިން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން
މިއަދު އެމެރިކާގެ ސަފީރު ބޭއްވެވި ޖާފަތުގައި، ރާއްޖޭގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި، މަޝްހޫރު ގާނޫނީ ވަކީލުންނާއި، ރާއްޖޭގައި ހުންނަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަފީރުންގެ އިތުރުން، ގިނަ އަދަދެއްގެ ނޫސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.