ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަހާ ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކުރާ "އެންމެންނަށް ވެސް ޓޭބަލް ޓެނިސް" ހަރަކާތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފައްޓަވައިދެއްވައިފި އެވެ.

އެންމެންނަށް ވެސް ޓޭބަލް ޓެނިސްގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ރައީސް ޔާމީން ފައްޓަވައި ދެއްވީ ރަސްފަންނުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު ޒުހޫރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

"އެންމެންނަށް ވެސް ޓޭބަލް ޓެނިސް" ހަރަކާތުގެ ބިލްބޯޑުގައި ރައީސް ޔާމީން ސޮއިކުރައްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރަސްފަންނުގައި ކުރިއަށްގެން ދިޔަ ރަސްމިއްޔާތުގެ ތެރެއިން ޒުހޫރު ވަނީ ވަގުތުކޮޅަކަށް ދުނިޔޭގެ ކުރީގެ ޓީޓީ ޗެމްޕިއަން ޖިއަންގް ޖިއަލިއަންގްއާ އެކު ޓީޓީ ކުޅުއްވައިފަ އެވެ.

ޗައިނާގެ ޖިއަންގް ޖިއަލިއަންގް އަކީ 80ގެ އަހަރުތަކުގައި ވޯލްޑް ޗެމްޕިއަންޝިޕް، ވޯލްޑް ކަޕް އަދި އޭޝިއަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިއެކެވެ.

"އެންމެންނަށް ވެސް ޓޭބަލް ޓެނިސް" ހަރަކާތުގެ ބިލްބޯޑުގައި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުން ސޮއިކުރައްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ޓީޓީ އެސޯސިއޭޝަނުން ކުރިއަށްގެންދާ ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޓީޓީ އެސޯސިއޭޝަނުން އެދެ އެވެ. އަދި އެ ހަރަކާތުގައި ކޮންމެ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

އެންމެންނަށް ވެސް ޓޭބަލް ޓެނިސްގެ ނަމުގައި ފެށި ހަރަކާތް 24 ގަޑިއިރު ވަންދެން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ޓީޓީ އެސޯސިއޭޝަނުން ނިންމާފައިވެ އެވެ. ރަސްފަންނުގައި ފެށި ހަރަކާތް މިރޭ 8:00ގައި ސޯސަލް ސެންޓަރުގައި ހުންނަ ޓީޓީ ހޯލަށް ބަދަލުކުރުމަށް ހަމަޖެހިފައިވެ އެވެ. އެ ހަރަކާތް ނިންމާލުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 5:00ގަ އެވެ.