06 Apr 2016, 18:45
މި ސީޒަނުގައި ހުރިހާ ޓީމަކުން ވެސް މެޗު ލަސްކޮށް، ވަގުތު ދުއްވާލަން މަސައްކަތްނުކޮށް، ފުޓްބޯޅަ ކުޅުމަށް އިސްކަންދޭން ޖެހޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު އަލީ ސުޒޭން އެދެފި އެވެ.
ސީޒަން ހުޅުވުމަށް ގައުމީ ފުޓްބޯޅަދަނޑުގައި ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ރޭ ކުރި ހޯދީ 1-0 ލަނޑުންނެވެ. މިއީ މާޒިޔާއިން ޗެރިޓީ ޝީލްޑް އުފުލާލި ދެ ވަނަ ފަހަރެވެ.
މެޗަށްފަހު "ސަން"އަށް މައުލޫމާތު ދެމުން ސުޒޭން ބުނީ، ނިއުއިން ރޭގެ މެޗުގައި ލަސްކުރުމަށް މަސައްކަތްތަކެއް ކުރިތަން ފެނުނު ކަމަށާއި ކުރިއަށް އޮތްތާނގައި އެފަދަ ކަމެއް ނުފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"ނިއުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، ރަނގަޅު ކުޅުމެއް ދެއްކި. އެކަމަކު ފުރަތަމަ، ފުޓްބޯޅަ ކުޅެން ވެސް އެބަ އުޅެންޖެހޭ. އަބަދު ލަސްކުރުން ކަހަލަ ކަންތައްތައް ކުރިއަށް އޮތްތާ ނުފެންނާނެ ކަމަށް އުންމީދު ކުރަނީ. މި ސީޒަނުގައި ހުރިހާ ޓީމެއް ވެސް ފުޓްބޯޅަ ކުޅެން އުޅެފިއްޔާ ރަނގަޅުވާނެ. މެޗު ލަސްކުރަން އުޅެއްޖެއްޔާ ހިއެއްނުވޭ ކަމުދާނެހެނެއް،" އޭނާ ބުންޏެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ނިއު ކޮޅަށް މާޒިޔާގެ އަސަދުﷲ ކާމިޔާބް ކުރުމަށްފަހު އުފާފާޅު ކުރަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ
ސުޒޭން ބުނީ، މެޗަށް ނުކުތީ ޗެރިޓީ ޝީލްޑް ހޯދަން ކަމަށާއި އެކަން މާޒިޔާއަށް ކާމިޔާބުވެއްޖެ ކަމަށެވެ. އަދި މާޒިޔާގެ ފަރާތުން ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ވެސް އޭނާ ފާހަގަކުރި އެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ރަނގަޅުކުރަން ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުރި. އެކަމަކު މިވަގުތު އެވާހަކަ ދެއްކުމަށްވުރެ، ޗެރިޓީ ޝީލްޑް މެޗުގެ ވާހަކަދެއްކިއްޔާ މާ ރަނގަޅުވާނެ. މާޒިޔާއިން ޖައްސަޖައްސައިގެން މި ހޯދީ. ސީޒަން ހުޅުވާ މެޗު ޗެރިޓީ ޝީލްޑްގެ ނަމަށް ނާންނައިރު، 2003، 2004، 2006 ގައި އަޅުގަނޑު ހޯދި ކާމިޔާބު ވަރަށް ގިނަވާނެ،" ސުޒޭން ބުންޏެވެ.
މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް ވެސް ނިއުއާ ވާދަކޮށް، ކާމިޔާބު ކުރީ މާޒިޔާ އެވެ. ނިއު އިން ވެސް މާޒިޔާ ބަލިކޮށް، ދެ ފަހަރެއްގެ މަތިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައިވެ އެވެ.