ރަސްފަންނާ ދިމާލުން މޫދުން ނަޖިސް ބޭރުވީ އެ ސަރަހައްދުން ގުޅާފައި އޮތް ނަޖިސް ހޮޅިއެއް ބަޔަކު ގަސްތުގައި ފަޅާލުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އެއީ "އިދިކޮޅު ފަރާތްތަކުން" ސަރުކާރަށް އުނދަގޫ ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން މި ފަޅައިގެން ދިޔަ ހޮޅިއަކީ ގަސްތުގައި ބަޔަކުމީހުން ފަޅާލާފައިވާ ހޮޅިއެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެހެންވީމަ ކޮންމެ ގޮތެއްވިޔަސް ބަޔަކު ގަސްތުގައި އެކަން ކުރި ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ތަނަކީ އެތަށް ރައްޔިތުންތަކެއްގެ ފައިދާ އާއި މަންފާއަށް އަދި ދުޅަހެޔޮ ސިއްހަތަކަށް ހަދާފައިވާ ތަނަކަށްވާ އިރު، ޒިންމާދާރު މުޖުތަމައެއްގައި އެފަދަ ކަމެއް ކުރާނެ ބަޔަކު އުޅޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް، ތަހުލީލުތައްކޮށް މިހާރު އެ ސަރަހައްދަށް މޫދަށް އެރުން ރަނގަޅު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވާތީ އެތަނަށް މޫދަށް އެރެން މިއަދުން ފެށިގެން އަނެއްކާވެސް ހުޅުވާލާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ފަރާތްތަކުން ޒުވާން ދެ ކުއްޖަކަށް ފައިސާ ދީގެން އެ ސަރަހައްދުގެ ޖޯލިތައް "ކޮށާލަން" ފޮނުވި ކަމަށާއި ނަމަވެސް ފުލުހުން އެކަން ހުއްޓުވުމުން އެ ފަރާތްތަކަށް އެކަން ކާމިޔާބު ނުވި ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ހުޅުވާ ދުވަސްކޮޅެއްގެ ތެރޭގައި ދިމާވި ކަމަކީ މީހަކު ދެ ކުއްޖަކަށް ފައިސާ ދީފައި ފޮނުވީ ޖޯލިތައް ކޮށާލަން ވަޅި ދީފައި. ދެން އެހެން ނަމަވެސް އެ ކުދިންނަށް ޖޯލި ކޮށާނުލެވެނިކޮށް ޕޮލިހުންނަށް ފެނިއްޖެ. ފެނިގެން އެ ދެކުދިން ހިފަހައްޓާ ހައްޔަރުވެސް ކުރި،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ކަންކަމަކީ އިދިކޮޅު ފަރާތްތަކުން އާންމުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފެއްދުމަށް ކުރާ ކަންކަން ކަމަށެވެ.