06 Apr 2016, 16:26
ކަންނެލީގެ މަސްވެރިކަންކުރަން ނުކުމެ އުޅެނިކޮށް އަޑިއަށް ދިޔަ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްފި އެވެ.
އަޑިއަށް ގޮސްފައި ވަނީ "އެން ސިސް 104" ނަމަކަށްކިޔާ ބޯޓެކެވެ. ބޯޓު އަޑިއަށް ދިޔަ އިރު އޭގައި 10 މީހަކު ތިބި ކަމަށާއި، މިހާރު އެންމެން ވެސް ސަލާމަތްކޮށްގެން ދ. ކުޑަހުވަދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ބޯޓު އަޑިއަށްގޮސް ކަނޑުވީ ނުވަ ބިދޭސީންނާ ދިވެއްސެކެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރޭ 02:30 އެހާކަންހާއިރު ބޯޓު އަޑިއަށް ދިޔައީ ބޯޓުގެ ކަނާތު ފަލްކާ ފަޅައިގެންގޮސް ޓޭންކަކަށް ލޮނު ވަނުމުގެ ސަބަބުން ކުޑަހުވަދުއާ ގާތްގަނޑަކަށް 50 ވަރަކަށް މޭލު ބޭރުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 12:30 އެހާކަންހާއިރު ކަމަށެވެ.
ބޯޓު އަޑިއަށް ދިއުމާ އެކު ބޯޓުގައި ތިބި އެންމެން ވެސް ވަނީ ލައިފް ރާފްޓަށް އަރައިފަ އެވެ. އަދި ރޭ ފަތިހު 4:30 ހާއިރު ލައިފްރާފްޓްގައި ހުރި ފްލެއާ ބޭނުންކޮށްގެން ހާލުގައި ޖެހިފައިވާކަން އެންގުމަށް އެމީހުން ވަނީ ފްލެއާ އަރުވައިފަ އެވެ.
އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ފްލެއާ އެރުވި މަންޒަރު ދުށް ހއ. ތުރާކުނު، ބްލޫ ފިޝް 1 ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މިހާރު ބްލޫ ފިޝް ދޯންޏާ ފުލުހުން ގުޅިގެން ހާލުގައި ޖެހުނު މީހުން ކުޑަހުވަދޫއަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން، އެމީހުން މަސްވެރިކަން ކުރަން އުޅުނު ބޯޓު އޮޕަރޭޓްކުރާ ކުންފުންޏާ ގުޅިގެން އެމީހުން މާލެ ފޮނުވާލުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.