އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް، ރޮބަރޓް ބްލޭކް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި ބައިނަލްއަޤްވާމީ ސިޔާސީ މަސްރަޙާ، ޚާއްޞަ ގޮތެއްގައި މެދުއިރުމަތީގެ މަސްރަޙާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރޮބަރޓް ބްލޭކް، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ. އަދި ރާއްޖެ އާއި އެމެރިކާއާ ދެ ޤައުމާ ގުޅުން ހުރި ބައިނަލްއަޤްވާމީ މައްސަލަތަކާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ އާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ އަމީން ފައިޞަލާއި ފޮރިން ޕޮލިސީ އެޑްވައިޒަރު ޑޮކްޓަރު އަޙްމަދު ޝަހީދާއި، މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމަށް ފަހު، ނޭޝަނަލް ލައިބްރަރީގައި ހުންނަ އެމެރިކަން ސެންޓަރގައި ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް ރޮބަރޓް ބްލޭކް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި އެމެރިކާ އާއި ދެ ޤައުމުގެ ދެމެދުގައި މި އޮތް ގުޅުމަކީ، އެމެރިކާ ސަރުކާރުން ވަރަށް އަހަންމިއްޔަތުކަންދެއްވާ އަދި އެ ގުޅުމުގެ އަގު ވަޒަން ކުރައްވާ ގުޅުމެއް ކަމުގައި ވިދާޅުވި އެވެ.

މީގެއިތުރުން، ރާއްޖޭގައި ހަލުވިކަމާއެކު ހަރުދަނާވެ ތަރައްޤީވަމުން އަންނަ ޑިމޮކްރަސީގެ މި ޅަފަތުގައި ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެމެރިކާ ސަރުކާރުން ޤަބޫލު ކުރައްވާ ކަމުގައި ރޮބަޓް ބްލޭކް ވިދާޅުވި އެވެ. މި ގޮންޖެހުންތަކާއެކު ވެސް، ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބު، ވަރަށް ވާދަވެރިކަމާއި ޞުލްޙަވެރިކަމާއި އިންސާފުވެރިކަމާ އެކު ބާއްވާފައިވާތީ، ރޮބަޓް ބްލޭކް ރާއްޖެއަށް މަރުޙަބާ ވިދާޅުވި އެވެ.

ދިވެހި ނޫސްވެރިންނާ ބައްދަލުކުރައްވައި، ރޮބަޓް ބްލޭކް ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަގޮތެއްގައި އދގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި ރާއްޖެ އިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ރާއްޖެއަކީ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހައިބަތާއި، ނުފޫޒު، ރާއްޖޭގެ ބޮޑުމިނާއަޅާ ބައްލަވާއިރު މާ ބޮޑުކަމުގައި ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން، އަޑުއުފުއްލެވުމުގައި، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީޑަރު ކަމުގައި ރޮބަރޓް ބްލޭކް ވިދާޅުވި އެވެ.