ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ދެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެއް ބަހައްޓާ ގޮތަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު އެ އިސްލާހު މަޖިލީހުން ފާސްވީ 50 މެމްބަރުންގެ ވޯޓުން ނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 18 މެމްބަރެކެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް އެހީތެރިވެ ދިނުމަށް ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަން ކުރަންވާނެ ކަމަށެވެ. އަދި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހުން އައްޔަނުކޮށް ވަކި ކުރައްވާނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ވެސް ސައުދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

ބިލު ހުށަހެޅުއްވި މެމްބަރު ސައުދު ވިދާޅުވީ ޕީޖީގެ ގާނޫނު އެގޮތަށް ބަދަލު ކުރުމުން ދައުވާ އުފުލުމަށް އެއްވެސް ދަތި ކަމެއް ނާންނާނެ ކަމަށެވެ.

"މިސާލަކަށް ޕްރޮސިކިއުޓާ ޖެނެރަލަކު ނެތް ހާލަތެއްގައި އެ ދެ ބޭފުޅުން 'ޑެޕިއުޓީ ޕީޖީ ކަމަށް ހުންނަވާ ދެ ބޭފުޅުން'ނަށް އެއްވެސް ހުރަހެއް ނޯންނާނެ ދައުވާ އުފުލުމަކަށް. އެގޮތަށް ގާނޫނު މި ބަދަލުކުރަނީ،" އޭނާ ވިދާޅުވި އެވެ.