ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ދޭ އިނާޔަތްތަކާއި މަންފާތައް ކަނޑާލެވޭ ގޮތަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު، ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރި ކުށަކާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރާ ނަމަ ދައުލަތުން އެ އެ ބެފުޅަކަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމަށް، ކުރިން ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހު ފާސްވީ 43 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް އެމަނިކުފާނު މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް އިނގިރޭސިވިލާތުގަ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި އިރު، ކުރި ކުށަކަށް ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ އެ ހިސާބުން ފެށިގެން އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

އެ ބިލަށް އިސްލާހު ހުށަހެޅުއްވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ އަބަދުމެ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ޓަކައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހުމުގެ އިތުރުން ކުރީގެ ރައީސުންނަކީ މަގާމު އަދާކުރެއްވި ދުވަސްވަރާއި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުން ބަރީއަވެގެންވާ އަދި ރައްޔިތުންނަށް ނަމޫނާ ބަޔަކަށްވާން ޖެހޭތީ ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީ އިން އެ ބިލު ދިރާސާކޮށް މަޖިލީހަށް ފޮނުވުމަށް ފަހު ކުރިއަށް ދިޔަ ބަހުސް މަރުހަލާގައި، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެ ބިލަކީ ސީދާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން، އެމަނިކުފާނަށް ލިބެމުން އަންނަ އިނާޔަތް ހިފެހެއްޓުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

"މި ގާނޫނު ސީދާ އަމާޒުކޮށްފައި މިވަނީ ރައީސް މުހައްމަދު ނަޝީދަށްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެބަ އެނގޭ،" މާރިޔާ ވިދާޅުވި އެވެ.

މަޖިލީހުގައި ބަހުސް ކުރައްވަމުން، ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވިދާޅުވީ މަޖިލީހަށް ކޮންމެ ބިލެއް ހުށަހެޅި ނަމަވެސް، އެ ބިލެއްގައި "ރައީސް ނަޝީދު ނުޖެހި ނުދާ" ކަމަށާއި، ނަމަވެސް ބިލު ހުށަހަޅަނީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.

"އެބަތިބި އިތުރު ދެ ރައީސުން. ރައީސް މައުމޫން އަދި ރައީސް ވަހީދު. އެބޭފުޅުން ނޫޅޭ އިނާޔަތް ކެނޑޭތީއެއް،" އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމް މެމްބަރުން ވިދާޅުވީ އެ އިސްލާހަކީ ރައްޔިތުންގެ ފައިސާ އިން އިސްރާފު ކުރުން މަދު ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ.

މިއަދުގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން ވަނީ އިސްލާހަށް ތާއީދު ނުކުރާ ކަމަށާއި، އެއީ ޒާތީ ބިލެއް ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ.

މާލީ އިނާތުގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަހަކު 50،000 ރުފިޔާ އައީ ދެމުންނެވެ. އަދި އަދި ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި މަހަކު 50،000 ރުފިޔާ ކަނޑައަޅާފައިވާ އިރު އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި އަހަރަކަށް 2.1 މިލިއަން ރުފިޔާ ވެސް އައީ ދައުލަތުން ދެމުންނެވެ.