ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ ތިން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެނެސްފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ނާޒިމްގެ މައްޗަށް އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ތިން ދައުވާ އަނބުރާ ގެނައުމަށް އެދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

އެ މައްސަލަތައް އަނބުރާ ގެންދިޔައީ އިތުރަށް ދިރާސާ ކުރުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ވެސް މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް ޝަރީއަތަށް ސާބިތުވުމުންނެވެ.

އެ މައްސަލައަކީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، ނާޒިމްގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހިންގަމުން އައި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން އެ ބިޑް ކާމިޔާބުކޮށްފައިވާ މައްސަލައެވެ.