ދުނިޔޭގެ އިންސާނިއްޔަތާ ބެހޭ ޔޫއެންގެ ފުރަތަމަ ސަމިޓު މިއަންނަ މޭ މަހުގެ 23 އަދި 24ގައި ތުރުކީގައި ބާއްވަން ނިންމައިފި އެވެ.

އެސަމިޓަކީ ދުނިޔޭގެ އިންސާނިއްޔަތާ ބެހޭ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތް ކުރުމަށް ބާއްވާ ސަމިޓެއް ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު، މެވްލޫތް ޗަވުޝޯލޫގެ ލިޔުއްވުމެއްގައި ވިދާޅުވެފައިވެ އެވެ.

އަދި އެސަމިޓުގައި އަލި އަޅުވާލާނެ ބައެއް ބައިތަކުގެ ތެރޭގައި، އިންސާނީ ކަރާމާތަށް ގެއްލުންވާ ކާރިސާތަކާއި އެފަދަ ކާރިސާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން އަމިއްލަ ގެދޮރު ދޫކޮށް ދާން ޖެހުމާއި، އިންސާނިއްޔަތަކަށްޓަކާ ހޭދަ ކުރާނެ ދެމެހެއްޓެނިވި އަދި އިތުބާރުހުރި ގޮތެއް ގާއިމުކުރުމާއި، އާއްމުންގެ މެދުގައި އިންސާނީވަންތަކަން އިތުރު ކުރުމަށް ބޭނުން ކުރެވިދާނެ އާއުކުޅުތަށް ހޯދުން ހިމެނޭ ކަމަށް ފޮރިން މިނިސްޓަރުގެ ލިޔުއްވުމުގައިވެ އެވެ.

މިނިސްޓަރު ޗަވުޝޯލޫ ވިދާޅުވީ އެ ސަމިޓު ބޭއްވުމަށް ޔޫއެން އިން ތުރުކީ ހިޔާރުކޮށްފައި ވަނީ އިންސާނިއްޔަތަށް ޓަކައި އެ ގައުމުން ކުރަމުންދާ ނަމޫނާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ތުރުކީއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ އާބާދީއަށް ބޯހިޔާވަހިކަމާއި ހިލޭ ބޭސްފަރުވާ އާއި ތައުލީމާއި ވަޒީފާގެ ތަމްރީނުތައް އެގައުމުގެ އަމިއްލަ ހަރަދުގައި ފޯރުކޮށްދޭ ގައުމުކަން ޗަވުޝޯލޫ ފާހަގަ ކުރެއްވި އެވެ.