06 Apr 2016, 13:15
ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބީޖީ ސްޕޯޓްސް އަށް ގޯލްކީޕަރު މުހައްމަދު ޔަމާން ސޮއިކޮށްފި އެވެ.
މި ސީޒަނުގައި ބީޖީގެ ގޯލް ބެލެހެއްޓުމަށް އެކްލަބަށް ސޮއިކޮށްފައިވާކަން ޔަމާން ވަނީ 'ސަން' އަށް ކަށަރުވަކޮށްދީފަ އެވެ.
މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓްގެ ދެވަނަ ކީޕަރު ޔަމާން ބުނީ، ބީޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާތާ މިހާރު ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށެވެ.
ޔަމާނު ވަނީ ކުރިން ވެސް ބީޖީއަށް ކުޅެފަ އެވެ. ކުރިން ޔަމާނު ބީޖީއަށް ކުޅެފައިވަނީ ކްލަބު އީގަލްސްއަށް ކުޅުމަށް ފަހު 2013 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައެވެ. ބީޖީއާއި، އީގަލްސްއާއި، ނިއުގެ އިތުރުން އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ވެސް އޭނާ ކުރިން ކުޅެފައިވެ އެވެ.
މިދިޔަ ސީޒަނުގައި ބީޖީގެ ގޯލް ބަލަހައްޓާފައި ވަނީ ކީޕަރު އިބްރާހިމް އިފްރާހު އަރީފް އެވެ. މިދިޔަ ސީޒަނަށް ފަހު، އިފްރާހު ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފަ އެވެ.