ޓުވިޓާ ބޭނުންކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ކުޑަކުޑަ ބަދަލެއްގެ ވާހަކަ އެވެ.

ޓުވިޓާ ފީޑު ބަލަމުންދާ އިރު، ފެންނަ ޓްވީޓެއް އެހެން ރަހުމަތްތެރިއަކާ ޑައިރެކްޓް މެސެޖު ޒަރިއްޔާއިން ޝެއާ ކޮށްލަން ބޭނުން ނަމަ، މީގެ ކުރިން އިންނަ "ޝެއާ އިން ޑައިރެކްޓް މެސެޖު" އޮޕްޝަން ޖެހެނީ ސިލެކްޓު ކުރާށެވެ. އެއީ، ލައިކް، ރީޓުވީޓު އަދި ރިޕްލައި އައިކޮން ކައިރީގައި އިންނަ ޝެއާ އައިކޮންއަށް ފިއްތައި، ޝެއާ އޮޕްޝަން ސިލެކްޓު ކޮށްގެންނެވެ.

އެހެން ނަމަވެސް ޓްވިޓަރއިން މި ވަނީ މިކަމަށް ކުޑަކުޑަ ބަދަލެއް ގެނެސްފަ އެވެ. ރިޕްލައި، ލައިކް އަދި ރީ ޓުވީޓު ބަޓަންއާ ޖެހިގެން މިހާރު އާ ބަޓަންއެއް އިނދެ އެވެ. އެ ބަޓަންގެ އައިކޮންއިން ފެންނަނީ، ޑައިރެކްޓް މެސެޖުގެ އައިކޮން އެވެ.

މާނަ އަކީ، މިހާރު ޑައިރެކްޓް މެސެޖުން ޓްވީޓެއް ޝެއާ ކުރަން ބޭނުން ނަމަ، ޝެއާ އޮޕްޝަންއަށް ގޮސް، ގިނަ އެޕްލިކޭޝަންތަކެއްގެ ތެރެއިން ޑައިރެކްޓް މެސެޖު ސިލެކްޓް ކުރާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި، އެ ދިމާލުގައި ފެންނަން އިންނަ ޑައިރެކްޓް މެސެޖު ބަޓަންއަށް ފިއްތައިލުމުން، ޓްވީޓު ޑައިރެކްޓްކޮށް ފޮނުވަލަން ބޭނުންވާ ފަރާތަކަށް ފޮނުވާލެވޭނެ އެވެ.

ޓުވިޓާ އިން މަސައްކަތް ކުރަމުން އަންނަނީ، ޓުވިޓަރގެ ޑައިރެކްޓް މެސެޖު ފީޗާ ތަރައްގީ ކުރުމަށެވެ. ޓުވިޓާ ޑައިރެކްޓް މެސެޖު ފޮނުވާ އިރު ޓުވީޓު ފަދައިން ކުރިން ކެރެކްޓާ ލިމިޓެއް ވެސް އޮންނަ އިރު، މިހާރު އެ ލިމިޓު އުވާލައި، މެސެޖު ބޭނުން ދިގުމިނެއްގައި ފޮނުވާލެވޭ ގޮތް ވަނީ ހަދައިފަ އެވެ.