03 May 2011, 00:55
ކުށްކުރުން ހުއްޓުވުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާ އިން ފާސްކުރުމަށް ފަހު މަޖިލީސް ޗުއްޓީއަށް ހިނގަޖެ އެވެ.
އެ ބިލަށް ހަމައެކަނި ހުށަހަޅައި ތާއީދު ލިބިފައިވާ އިސްލާހު ކަމަށްވާ، ބިލު ކޮމިޓީއަށް ހުށަހެޅުމަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެއްސެވުމުން އެ ބިލު ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައި ވަނީ ޖަލްސާގައި އެ ވަގުތު ތިއްބެވި ތިބީ 73 މެންބަރުންގެ ތެރެއިން 37 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވި އެވެ. އެގޮތަށް ފާސްކުރަން ބޭނުން ވަނީ 36 ވޯޓެވެ.
އެބިލު ނިންމުމަށް ޓަކައި ދައުރުން ބޭރުގައި މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، މަގުސަދު ހާސިލްނުވެ ނިމިގެން ދިޔައީ، ބިލަށް ހުށަހަޅާފައިވާ 100 އިސްލާހަށް ވޯޓަށް އެހުމާ ބެހޭ ގޮތުން ހޫނު ބަހުސްތަކެއް ކުރުމަށް ފަހުގަ އެވެ.
ގައުމީ ސަލާމަތު ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ އަބުދުﷲ ޔާމީން، އެ ބިލު ދިރާސާ ކުރި ރިޕޯޓް، މިރޭގެ ޖަލްސާ އަށް ހުށަހެޅުއްވުމުން ބައެއް މެންބަރުން ވިދާޅުވީ ބިލަށް ގިނަ އިސްލާހްތަކެއް މެންބަރުން ހުށަހަޅުއްވާފައިވާތީ އެ އިސްލާހްތަކާ އެއްގޮތަށް އަލުން ބިލު އިސްލާހް ކުރުމަށް ފޮނުވަން ޖެހޭނީ ކޮމިޓީއަށް ކަމަށެވެ.
އެ ބިލު ކޮމިޓީއަށް ފޮނުއްވަން ހުށަހަޅުއްވަމުން ބިލު ދިރާސާ ކުރި ކޮމިޓީގައި ވެސް ހިމެނި ވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ބިލު މިހާހިސާބަށް އައިއިރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ބިލު ކޮމިޓީ ސްޓޭޖުގައި ނިންމުމަށް ފަހު 100 އިސްލާހް ހުށަހެޅިފައި ވުމާއި، މި ރޭގެ 12:00 އާ ހަމައަށް ޖަލްސާގެ ވަގުތު ހަމަވާނެތީ ގާނޫނު އަސާސީގެ މުހިއްމު ހައްގުތަކެއް ވަގުތު ނެތިގެން ކަނޑައެޅުމަކީ އެހާ ޒިންމާދާރުކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ ބިލު ވުޖޫދުގައި ނެތް ނަމަވެސް ކުށް ކުރުން ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ ބާރުތައް ކުޑަ ނޫން ކަމަށް ދެކެވަޑައިގަންނަވާތީ ހުށަހެޅި ފައިވާ އިސްލާހްތަކާ އެކު އެ ބިލު ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދުގެ މި އިސްލާހަށް ޑީއާރުޕީގެ ދެ ފެކްޝަނާއި ޕީއޭގެ މެންބަރުންގެ އިތުރުން ބައެއް އަމިއްލަ މެންބަރުން ވެސް ތާއީދު ކުރެއްވި އެވެ.
ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ މި ބިލަކީ މިހާރުން މިހާރަށް ވެސް ފާސްކުރުން މުހިއްމު ބިލެއް ކަމަށާއި މިރެއިން މިރެއަށް ބިލު ފާސްކުރުން މުހިއްމު ކަމަށެވެ.
ކުޅުދުއްފުށީ އުތުރު ދާއިރަގެ އަބުދުލް ޣަފޫރު މޫސާ ވިދާޅުވީ، މި ބިލަކީ ރައްޔިތުންނަށް ސަލާމަތްކަން ދިނުމަށް މުހިއްމު ބިލެއް ކަމަށާއި މި ބިލު ފާސްކުރުން މުހިއްމު ކަމަށެވެ. ނަމަވެސް ބައެއް މެންބަރުން ވިދާޅުވީ މެންބަރުން ހުށަހަޅުއްވާފައިވާ 100 އިސްލާހްގެ ތެރެއިން ބައެއް އިސްލާހްތަކަށް ވޯޓަށް އެއްސެވުމަށް ފަހު ބިލު ފާސް ކުރުމުން ރަނގަޅުވާނެ ކަމަށެވެ. އެފަދަ މެންބަރުންނަށް ރައްދު ދެއްވަމުން ބައެއް މެންބަރުން ވިދާޅުވީ ކޮންމެ މެންބަރަކީ ވެސް ހަމަހަމަ ހައްގުތަކެއް ލިބިގެންވާ ބައެއް ކަމަށާއި އެހެން ކަމުން ވަކި ބައެއްގެ އިސްލާހްތަކަށް އެކަނި ވޯޓަށް އަހައިގެން ނުވާނެ ކަމަށެވެ.
މި ބިލަށް އެންމެ ގިނަ އިސްލާހު ހުށަހަޅުއްވާ ކަމަށް މެންބަރުން ފާހަގަ ކުރައްވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދު ވިދާޅުވީ، ހުރިހާ އިސްލާހަކަށް ވޯޓަށް އައްސަވަން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ އިސްލާހްތަކަށް މިރޭ ވޯޓަށް އަހައި ނުނިމުނު ނަމަވެސް ވަކި ހިސާބަކުން މި ރޭގެ ޖަލްސާ މެދުކަނޑާ ލުމަށް ފަހު މާދަމާ ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދައުލަތުގެ އެންމެ އިސްފަރާތްތައް ބައިވެރިވެގެން އިސްލާހް ގެނަސްފައިވާ އެ ބިލު ކޮމިޓީ ބޮލަށް ޖެހުމަށް ފަހު މެންބަރުން ޗުއްޓީއަށް ދިއުން ރަނގަޅު ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ކުށްކުރުން ހުއްޓުވުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މި ރޭގެ ޖަލްސާގައި ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި މި ވަނީ، އެ ބިލު ފާސް ވެއްޖެ ނަމަ ރައްޔިތުންނަށް ލިބިދޭ ބައެއް އަސާސީ ހައްގުތައް ގެއްލިގެން ގޮސްފާނެކަމާ މެދު، ރާއްޖޭގައި ހުންނަ އދ. އޮފީހުން ބުނެފައި ވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް އދގެ އޮފީހުން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ ބިލު ތައްޔާރުކޮށްފައިވާ ގޮތުން އިންސާފު ހޯދުމަށް ލިބޭ ހައްގުތައް އުނިވާކަމަށް ދެކޭ ކަމަށެވެ.