ދިވެހި ފިލްމީ ދާއިރާއަށް އިންގިލާބެއް އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އަދި ތަފާތު ފިލްމަކަށް ވާނެ ކަމަށް ބުނަމުން ދިޔަ "ވާށޭމަށާއެކީ" ރޭ ވަނީ އޮލިމްޕަހުގައި އަޅުވައިފަ އެވެ. އެ ފިލްމަކީ ފިލްމުގެ ޝޫޓިންގް ފެށުނު ހިސާބުން ފެށިގެން ޓްރެލާ ރިލީސްކޮށް ހެދި އިރު ވެސް އާންމުންގެ ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރު ކުރި ފިލްމެކެވެ. އެކަން އެނގިގެން ދިޔައީ ޝޯގެ ފުރަތަމަ ތިން ޝޯ ވެސް ހައުސްފުލް ވެފައި ވުމުންނެވެ.

ދެން އުފެދޭ ސުވާލަކީ ފިލްމު އެހާ ރީތި ހެއްޔެވެ. ފުރަތަމަ ޝޯއިން ޓިކެޓް ލިބިގެން އުންމީދެއްގައި ފިލްމް ބަލަން ދިޔަ މީހުން ހިތްއުފާކޮށްލަދިން ފިލްމަކަށް އެފިލްމް ވިތޯ އެވެ؟

ވާށޭމަށާއެކީގައި ހަރަކާތްތެރިވާ ތަރިން

  • މަރިޔަމް މަޖުދާ ،މުހައްމަދު ޖުމައްޔިލް، މުހައްމަދު އަލީ، މުހައްމަދު ފައިސަލް، އާމިނަތު ނޫރާ، އަލީ ޝަޒްލީމު، ހަމްދާން ފާރޫގު، ޝާފިއު އިބްރާހިމް، އަހުމަދު ސުނީގެ އިތުރުން ރާއްޖޭން ބޭރުގެ ތިންތަރިއެއް ހިމެނޭ

ތަރިންނަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާގައި އެންމެ ފަހުން ވިދާލި ދެތަރިން އެބަ ހިމެނެ އެވެ. އެދެތަރިން ވިދާލާފައި ވަނީ ލޯބީގެ ބައި ކުޅުމަށް ކުޅަދާނަ ދެ އެކްޓަރުންގެ ގޮތުގަ އެވެ. އެއީ މަޖޫ އަދި ޖުމައިލް އެވެ. އެމީހުން މީގެ ކުރިން ވެސް އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދާފައި ވަނީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމަކުންނެވެ. ވާށޭމަށާއެކީ ވެސް ހަމަ އެ ޕްރޮޑަކްޝަންގެ ދަށުން އުފެއްދި ފިލްމަކަށް ވުމުން މީހުންގެ އުންމީދުތައް ހުރީ ވަރަށް ވެސް މަތީގަ އެވެ.

ފިލްމުގައި ވަނީ ކިހިނެތް

ކުރިން ވެސް ޑާކްރެއިން އެންޓަޓެއިންމެންޓުން ބުނެފައިވާ ގޮތުން ފިލްމަކީ ލޯބީގެ ކޮމެޑީ ފިލްމެކެވެ. ފިލްމަކީ ވަރަށް ޒަމާނީ ދިރިއުޅުމެއް އުޅެމުންދާ ޒުވާނުންތަކެއްގެ ވިސްނުމާ ހިޔާލު ހުންނާނެ ގޮތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި ޖުމައްޔިލު އަކީ މަޖޫދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ.

މަޖޫއަކީ ކުޑަކުދިން ދެކެ އިންތިހާއަށް ލޯބިވާ ވަރަށް ކުދިން ބޭނުންވާ މީހެއްކަން އެނގުމުން ޖުމައްޔިލު ކަންބޮޑުވެ އެވެ. ސަބަބަކީ ކުދިންނަކީ ދިރިއުޅުމުގެ ހަލާކު ކަމާއި ކުދިން ލިބުމުން މިނިވަންކަން ގެއްލުނީ ކަމަށް އޭނާ ދެކޭތީ އެވެ. ދެމީހުން ކައިވެނިކޮށްގެން ތިން އަހަރު ފަހުން މަޖޫ ބަނޑުބޮޑުވެ އެވެ. ނަމަވެސް އެއީ ޖުމައްޔިލުއަށް ބަލަގަނެވުނު ކަމަކަށް ނުވި އެވެ. އޭނާގެ އަޅާލުން ކުޑަކަން ފެނިގެން މަޖޫ ގެއިން ނުކުމެގެން ދެ އެވެ.

ނަމަވެސް މަޖޫދެކެވާ ލޯތްބެއްގެ ބޮޑުކަމުން ކުޑަކުދިންނާ ބެހޭ ގޮތުން ފޮތްތައް ކިޔައި ދަސްކޮށް ޖުމައްޔިލު ކުޑަކުދިންދެކެ ލޯބިވާން ފަށަ އެވެ. ދެން ފިލްމްގައިވާގޮތް ބެލުންތެރިންނަށް ދޫކޮށްލާނަމެވެ.

ފިލްމަކީ މަޖާ ފިލްމެކޭ ބުނެވިދާނެ އެވެ. އެއީ އާންމުކޮށް ފިލްމުތަކުގައި ދިވެހިން މި ވާހަކަދައްކާ އާންމު ބަހުރުވައިން ވާހަކަ ނުދެއްކިޔަސް މިފިލްމުގައި އާންމު ބަހުރުވަ ބޭނުންކޮށްފައި ހުރުމުން ކަމަށް ވެދާނެ އެވެ. ނަމަވެސް ފިލްމްގެ ބައެއް މަންޒަރުތަކުގައި "އޯވަ މަޖާ" ވެފައި ހުރިކަން ވެސް ފާހަގަވެ އެވެ.

މިއީ ހިންދީ ފިލްމެއްގެ މޮޑިފައިއެއްތަ؟

ދިވެހި ފިލްމީ ދާއިރާގައި ހިންދީ ފިލްމު މޮޑިފައިކޮށްގެން ހަދާފައި ހުރި ފިލްމުތައް ވަރަށް ގިނަ އެވެ. ނަމަވެސް ވާށޭމަށާއެކީ އަކީ ތަފާތު ފިލްމެކޭ ބުނުމުން މީހުން އެއްވެސް ގޮތަކަށް ހިންދީ ފިލްމެއްގެ މަންޒަރުތަކެއް ހިޔާލަށް ވެސް ނުގެންނާނެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ސައިފް އަލީ ހާން އާއި ޕްރިތީ ޒިންތާ ކުޅެފައިވާ ސަލާމް ނަމަސްތޭ ފިލްމް ބެލިންހެއްޔެވެ. އެފިލްމުގައި ވެސް ޖެހިގެން އުޅޭ މައްސަލައަކީ ވާށޭމަށާއެކީ އެކޭ އެއްގޮތަށް ކުދިން ހޯދުމުން މިނިވަންކަން ގެއްލޭކަމަށް ބުނާ މައްސަލަ އެވެ. އެ ފިލްމުގައި ސައިފް ކުޑަކުދިން ދެކެ ވަރށް ފޫހިވެ އެވެ. ނަމަވެސް ޕްރިތީ ކުދިން ދެކެ ވަރަށް ލޯބި އެވެ. އެހެން އުޅެނިކޮށް ޕްރިތީ ބަނޑުބޮޑުވެ ހަމަ ވާށޭމަށާއެކީގެ ވާހަކައެކޭ އެއްގޮތަށް ކަންހިނގައި ދެ އެވެ.

ފިލްމުގެ ވާހަކަ އެއްގޮތެވުމުގެ އިތުރުން ފިލްމުގެ މަންޒަރުތައް ވެސް ބައެއް ސީންތައް ހަމަ އެފިލްމެކޭ އެއްގޮތަށް ކޮޕީކޮށްލާފައި ހުރިކަން ފާހަގަވި އެވެ. އެގޮތުން ފިލްމު ނިމެން ކައިރިވެފައި ވަނިކޮށް މަޖޫ ވިހަން ގެންދާ މަންޒަރަކީ ކުޑަ ތަފާތެއް ހުރި ނަމަވެސް ކޮޕީކޮށްފައިވާ ސީން އެކެވެ.

ފިލްމު ބެލި މީހުންނަށް ކަމުދޭތަ؟

ފިލްމު ބަލާފައި ރޭ ނުކުން ގިނަ މީހުން ބުނީ "ވަރަށް ކަމުދާ ވަރަށް މަޖާ" ފިލްމެއް ކަމަށެވެ. ރޭ ފިލްމު ބަލަން ގިނައިން ގޮސްފައި ތިބީ މަޝްހޫރު ފިލްމީތަރިންނާއި ލަވަކިޔުންތެރިންނެވެ. ފުރަތަމަ ޝޯއަށްވުމުން އިންވައިޓްކޮށްގެން ދިޔަ މީހުން ވަރަށް ގިނަ އެވެ.

ފިލްމުގެ ޑައިރެކްޓަރު އަލީ ޝިފާއު ބުނީ ފިލްމާ ބެހޭ ގޮތުން "ނެގެޓިވް ކޮމެންޓެއް" އަދި ނުލިބޭ ކަމަށެވެ. ފިލްމު ބަލާ ކޮންމެ މީހަކު ވެސް ޓީމުގެ މަސައްކަތަށް ތައުރީފު ކުރާކަމަށް ޝިފާއު ބުންޏެވެ.

ފިލްމު ބަލާފައި ރޭ ނުކުތް މަޝްހޫރުތަރިންގެ ތެރެއިން ވާހަކަ ދައްކާލި ގިނަ މީހުން ވެސް ބުނަނީ ފިލްމީ ދާއިރާއަށް މިފިލްމުގެ ސަބަބުން އިންގިލާބެއް އައިއްސި ކަމަށެވެ. ފިލްމަށް ތައުރީފުކޮށް ވާހަކަ ދެއްކި ތަރިންގެ ތެރޭގައި ޝީލާ ނަޛީބު، މުހައްމަދު މަނިކު، ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ، މިރާ މުހައްމަދު މާޖިދު ހިމެނެ އެވެ.

ފިލްމާ ބެހޭގޮތުން ކުރުކޮށް ބުނަންޏާ ބުނެވޭޏީ މިއީ ބަލާލަން މަޖާ އެކަމަކު ކޮޕީ ފިލްމެއް ކަމަށެވެ.