މަރުވެގެން މަސް ލެއްގުން ހުއްޓިފައިވާ ކަމަށް މެރިން ރިސާޗު ސެންޓަރުން ބުނެފި އެވެ.

މެރިން ރިސާޗު ސެންޓަރުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މަސް މަރުވެގެން ލައްގާތީ މިހާރު ރަށްތަކުން ރިޕޯޓް ކުރަމުން ނުދާ ކަމަށެވެ.

މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އުތުރުގެ ރަށްތަކަށް ގިނަ އަދަދެއްގެ މަސްމަރުވެގެން ލައްގައިފަ އެވެ.

މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ޝިހާމް އާދަމް ވިދާޅުވީ ބޮޑަށް ބެލެވޭ ގޮތުގައި އެގޮތަށް ދިމާވަމުން ދަނީ ހޫނުގަދަވުމާއި ދިޔަވަރު މަޑުވުމުގެ ސަބަބުން އޮކްސިޖަން މަދުވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ފަރުތަކާއި ފަޅުތައް އުފެދިފައިވާ ގޮތުން އެފަދަ ކަންކަން ކުރިމަތި ވެދާނެ ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.

އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި މިއީ މާހައުލަށް އަންނަ ބަދަލުން އަންނަ ކަމެއްގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް މިދުވަސްވަރު މަސް މަރުވާ އިރު ގިނައިން މަރުވަނީ ރޮނޑެވެ. ބޮޑަށް ބެލެވޭ ގޮތުގައި މަސްމަރުވުން ހުއްޓޭނީ އޭޕްރީލް ނުވަތަ މެއި ހިސާބުގައި ޓެމްޕަރޭޗާ ދަށްވުމުންނެވެ.