ތ. އަތޮޅު (ކޮޅުމަޑުލު) ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހިރިލަންދޫ ޓީމު ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ.

ތ. ދިޔަމިގިލީގައި ކުރިއަށްދާ ވޮލީ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިލުފުށި ޓީމު އަތުން ހިރިލަންދޫ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ހިރިލަންދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-14، 25-22 އަދި 15-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހިރިލަންދޫ ޓީމުގެ ގައުމީ ޓީމު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

ކޮޅުމަޑުލު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ހަވީރު ހިރިލަންދޫ އާއި ވިލިފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގެ ސީދާ ތިން ސެޓުން ކާމިޔާބުކުރީ ހިރިލަންދޫ --

އެ މުބާރާތުގައި އިއްޔެ ހެނދުނު ކުޅުނު އަންހެން ޑިވިޝަނުގެ މެޗުގައި ވިލިފުށި ޓީމު އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މަޑިފުށި ޓީމު ވަނީ މޮޅުވެފަ އެވެ.

އިއްޔެ ހެނދުނު ކުޅުނު މެޗުގެ ސެޓުތައް މަޑިފުށީ އަންހެން ޓީމު ގެންދިޔައީ 25-13، 25-15 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަޑިފުށި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތިލިނީ ވަސަން ޕެރޭރާ އެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް، "ކޮޅުމަޑުލު ވޮލީ ޓޯނަމެންޓް 2016" ފެށިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މުބާރާތުގައި އެ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ވިލުފުށްޓާއި، މަޑިފުށްޓާއި، ދިޔަމިގިލި އަދި ހިރިލަންދޫ އެވެ.

ދެ ޑިވިޝަން ހިމެނޭ އެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވި އެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ހަތަރު ޓީމެވެ. އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ވިލުފުށްޓާއި، މަޑިފުށި އަދި ދިޔަމިގިއްޔެވެ. މުބާރާތުގައި ބައިވެރިވި ކޮންމެ ރަށަކުން ވެސް ފިރިހެން ޓީމެއް ބައިވެރިވެފައިވެ އެވެ.

ކޮޅުމަޑުލު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެ ހެނދުނު މަޑިފުށްޓާއި ވިލިފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގެ ސީދާ ތިން ސެޓުން ކާމިޔާބުކުރީ މަޑިފުށި --

އެގާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މުބާރާތް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނާއި، އެއް ވަނަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިން އަދި ބިދޭސީ ކުޅުންތެރިންވެސް ކުޅެމުންދެ އެވެ.

ފިރިހެން ޑިވިޝަނަށް ބަލައިލާއިރު، ދިޔަމިގިލީ ޓީމަށް ކުޅެމުންދާ އިޝާން މުހައްމަދު (ބަޓިސް) އާއި އެޓީމުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)، ހިރިލަންދޫ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އާއި ހަމަ އެޓީމުގެ އަޝްފާގު އާދަމް (އައްކެޅޭ)، މަޑިފުށި ޓީމުގެ އަހުމަދު ފާޒިލް އާއި ސްރީލަންކާ ކުޅުންތެރިޔާ ޕްރަމޭޝް ސިންގް، ވިލުފުށި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަޝިނީ ހަކްޝިކާ ސެނަރަތުނާ އާއި އެޓީމުގެ އަލީ ހުޒާމް އަދި ހަމަ އެޓީމުގެ މުހައްމަދު ޝާއިން ފާހަގަކޮށްލެވެ އެވެ.

އަންހެން ޑިވިޝަނުން މަޑިފުށި ޓީމުގެ ހައްވާ ރަޝީދާއާއި، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތިލިނީ ވަސަން ޕެރޭރާ އާއި، ދިޔަމިގިލި ޓީމުގެ އައިޝަތު ޝައްފަ އަދި ހަމަ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ދިނޭޝާ ޕްރަސަދަނީ ފާހަގަކޮށްލެވެ އެވެ.