06 Apr 2016, 13:19
ދުނިޔޭގެ ރީތީގެ ރާނީގެ މަގާމުވެސް ހޯދާފައިވާ ޕްރިޔަންކާ ޗޯޕްރާ އަކީ މިހާރު ހަމައެކަނި ބޮލީވުޑުގެ ތަރިއެއް ނޫނެވެ. އޭނާ މިހާރު ވަނީ ހޮލީވުޑުގައި ވެސް ކާމިޔާބު ކަމާއެކު ފައިތިލަ ސާބިތުކޮށްފަ އެވެ.
އެންމެ ފުރަތަމަ ހޮލީވުޑުގެ މޮޅު ރެޕް ލަވަކިޔުންތެރިޔާ ޕިޓްބުލް އާއެކު ކިޔައިދިން "އެގްޒޯޓިކް" ލަވައާ އެކު ވެސް ޕްރިޔަންކާ ވަނީ ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ. އެ ލަވައަށް ފަހު އިތުރު ލަވައެއް ކިޔުމަށް ފަހު ދެން ޕްރިޔަންކާ ވަނީ އޭބީސީ އިން ގެނެސްދެމުން އަންނަ "ކުއަންޓިކޯ" ސީރިީޒްގެ ލީޑު ރޯލު ކަށަވަރުކޮށްފަ އެވެ.
ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން އަންނަ ޕްރިޔަންކާ މިހާރު ވަނީ އޭނާގެ ރީތިކަމާ އެކްޓު ކުރުމުގެ ހުނަރުގެ ޖާދޫގައި އެތައް ބަޔަކު ޖައްސާފަ އެވެ. "ކުއަންޓިކޯ" އަށް ފަހު މިހާރު ޕްރިޔަންކާ މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" އިންވެސް އޭނާގެ ކުޅަދާނަކަން ދައްކާލުމަށެވެ.
ކޮންމެ އަކަސް ޕްރިޔަންކާގެ އެކްޓިންގް ކެރިއަރު އަންނަނީ ރޮކެޓު ސްޕީޑުގައި ކުރިއަރަމުންނެވެ. ޕްރިޔަންކާގެ ކާމިޔާބީގެ ވާހަކަތައް ދައްކާ ނުނިމިގެން އުޅެނިކޮށް އެ ލިސްޓަށް މިވަނީ އެހެން ކަމެއް އިތުރުވެފަ އެވެ. ވަރަށް ނަސީބު ގަދަ މީހަކަށް ނޫނީ ނުލިބޭނެ ޝަރަފެކެވެ.
ޕްރިޔަންކާ އަށް ވަނީ ކޮންމެ އަހަރަކު ވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވައިޓް ހައުސްގައި ބާއްވަމުން ގެންދާ ވައިޓް ހައުސް ކޮރަސްޕޮންޑެންޓް ޑިނާގައި ބައިވެރި ވުމުގެ ދައުވަތު ފޮނުވަމުންނެވެ.
އެމެރިކާގެ ރައީސްގެ އާއިލާއާ ބައްދަލުކޮށްލުމުގެ ފުރުސަތު ޕްރިޔަންކާއަށް ދީފައިވާ އިރު، އެކަމާ ގުޅޭ ގޮތުން ޕްރިޔަންކާ އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ދައުވަތަކީ ޕްރިޔަންކާ ކުރިއަރަމުން އަންނަ ބާރުމިނުގެ ވަރަށް ބޮޑު ހެއްކެކެވެ. އަދި މުޅި ދުނިޔެއިން ވެސް ޕްރިޔަންކާ ބަލައިގެންފައިވާ ކަމާއި އޭނާ އަށް ހޮލީވުޑުގައި ވަރަށް އުޖާލާ ކުރިމަގެއް އޮތްކަން ހާމަވެގެން ދިޔަ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.