06 Apr 2016, 11:45
ވަކި މީހަކަށް އަމާޒުކޮށްގެން ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކުރަމުން އަންނަ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލު ކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން، އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް ނޫން ކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއާ ޚިލާފަށް ވަކި ފަރުދުންނަށް އަމާޒުކޮށްގެން ގާނޫނަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަމުން ދާތީ އެކަމަކީ އެޕާޓިއިން ކުއްވެރިކުރާ އަދި ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ގާނޫނަކީ އެންމެންގެ މައްޗައް އާންމުވެ ޝާމިލް ވާ އެއްޗަކަށް ވީހިނދު ވަކި ފަރުދެއްގެ ހައްގެއް އުނި ކުރުމަށް ނުވަތަ މަސްލަހަތެއް ހިމާޔަތްކުރުމަށް ނުވަތަ ވަކި ފަރުދަކަށް ގެއްލުން ދިނުމަށް ނުވަތަ މަންފާއެއް ހޯދައި ދިނުމަށް، ގާނޫނާއި ގާނޫނު އަސާސީ ބައްޓަންކޮށް ބަދަލު ކުރުމަކީ، ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
"މިއީ އެއްވެސް ޒިންމާދާރު ކަމެއްނެތި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް، ޒާތީ ތައައްސުބަށް އިސްކަންދީގެން ވަކިބަޔަކު ރުއްސުމަށްޓަކައި އެބަޔަކު އަންގާ ގޮތަށް ހިންގަމުން އަންނަ ނިޒާމީ ޖަރީމާއެއް ކަމުގައި މިޕާޓީއިން ދެކޭކަން ހާމަކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.