06 Apr 2016, 11:06
ގާނޫނާ ޚިލާފަށް ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ޓެެރަރިޒަމްގެ ދައުވާ އަށް އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން އިންކާރު ކުރައްވައިފި އެވެ.
ނިހާންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 2:45 އެހާކަންހާއިރު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އިތުރު ބަޔަކާ އެކު ލޯންޗެއްގައި މާމިގިއްޔަށް ދިޔުމުން އޭނާ އެމީހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެމީހުންނާ ބައްދަލުކޮށް މާމިގިލީ ކޯޓު ހުޅުވައިގެންތިބެ[email protected]ގެ ނަމުގައިވާ އީ-މެއިލް އެޑްރެހާއި އެއަށް ވަނުމަށް ބޭނުންވާ ޕާސްވޯޑް މުހުތާޒު އޭނާ އަށް ދިނުމުން، ނިހާން އެކޯޓުގެ ލެޕްޓޮޕުން އެ އީ-މެއިލް އެޑްރެހަށް ވަދެ "މާފުށީ އަމުރު" މިނަމުގައިވާ ކޯޓު އަމުރެއް ކަމަށް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑްކޮށް، އެލިޔުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
އެ ދައުވާ ނިހާންގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ އެއް ވަނަ ނަންބަރާއި ދެ ވަނަ ނަންބަރާއި، ފަސް ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރާއި، ހަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.
މެޖިސްޓްރޭޓް ނިހާން ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާއަށް އިންކާރުކުރާ ކަމަށެވެ.
އެދައުވާގެ އިތުރުން ނިހާނުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޙަ ނޫން ގޮތުގައި ދެއްކުމަށް ޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާއަށްވެސް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެތިން ދައުވާއާ ބެހޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދިނުމުން ނިހާނުގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެ ތިން ދައުވާއާ ބެހޭގޮތުން އިތުރު އެއްޗެއް ބުނެވޭނީ ދައުލަތުގެ ފަރާތުން ހެކިގެ ގޮތުގައި ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ލިބުނީމަ ކަމަށެވެ. މިހާތަނަށް ފުލުހުނަށް ނިހާން ދިން ބަޔާން ފިޔަވަައި އެއްވެސް ލިޔުމެއް ލިބިފައި ނުވާކަން ހުސްނުއްސުއޫދު ވަނީ ފާހަގަކޮށްފަ އެވެ.
ދައުލަތުން ވިދާޅުވީ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅަނީ ސިއްރު ހެކި ކަމަށްވާތީ ލިޔުމުން ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ. ގާޒީ ވަނީ ލިޔުމުން ހެކި ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ދީފަ އެވެ. އަދި ވިދާޅުވީ ދައުލަތުން ހުށަހަޅާ ލިޔެކިޔުންތަށް ކޯޓަށް ލިބުމުން ދިފާއީ ވަކީލާ އެލިޔުންތައް ހިއްސާކުރައްވާނެ ކަމަށެވެ.
ނިހާންގެ އިތުރުން އެ މައްސަލާގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ.