ރާއްޖޭގައި ހަކުރު ބަލި ޖެހިފައިވާ މީހުންގެ ނިސްބަތް އާބާދީގެ ގާތްގަނޑަކަށް ފަސް ޕަސެންޓުގައި ހުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިވަގުތު ހަކުރު ބަލި ޖެހިފައިވާ 350 މިލިއަން މީހުން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 9 ޕަސެންޓެވެ.

ސިއްހަތު ޖަމިއްޔާ އިން އަންދާޒާކޮށްފައިވާ ގޮތުގައި، ރާއްޖެ ނިސްބަތްވާ ދެކުނު އިރުމަތީ އޭޝީޔާ ސަރަހައްދުގައި ހަކުރު ބަލި ޖެހިފައިވާ 71 މިލިއަން މީހުން އުޅެ އެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ ރާއްޖޭގައި ހަކުރު ބަލި ޖެހިފައިވާ މީހުންގެ ނިސްބަތް އާބާދީގެ 4.7 ޕަސެންޓަށް އަރާ ކަމަށެވެ. އޭގެ އިތުރުން ހަކުރު ބައްޔަށް މަގުފަހި ކުރުވާ ހިރާސްތައް ނުވަތަ ރިސްކް ފެކްޓާރސް ވެސް ރާއްޖޭގައި ގިނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެގޮތުން ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނިސްބަތް 37.6 ޕަސެންޓުގައި ހުރި އިރު، މުޅި އާބާދީގައި ތަރުކާރީއާ މޭވާ ކެއުމުގެ އާދަ ހުރީ ދުވާލަކު އެއް ފަހަރު އަދި ހަފްތާއަކު ތިން ފަހަރުގެ ނިސްބަތުގަ އެވެ.

ސަރަހައްދީގޮތުން ބަލާއިރު، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް އެންމެ މަތީވެސް ރާއްޖޭގަ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 7 ވަނަ ދުވަހެވެ. މި އަހަރުގެ ސިއްހަތު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ރައްކާތެރިވަމާ، ފަރުވާ ކުރަމާ، ހަކުރު ބަލީގެ މައްޗަށް ކުރި ހޯދަމާ" އެވެ.

ދެހާސް ބާރަ ވަނަ އަހަރު ހަކުރު ބަލީގައި 1.5 މިލިއަން މީހުން މަރުވެފައިވާއިރު، ހަކުރު ބަލީގައި މަރުވާ މީހުންގެ 80 ޕަސެންޓު މީހުން ނިސްބަތް ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކަމަށް ސިއްހަތު ޖަމިއްޔާ އިން ބުނެ އެވެ.