06 Apr 2016, 11:13
ވޮޝިންޓަން (އޭޕްރިލް 6):އެމެރިކާގެ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ހޮވުމަށް ރިޕަބްލިކަން ޕާޓީންނާއި ޑިމޮކްރަޓިކް ޕާޓީން ވިސްކޮންސިންގައި ބޭއްވި ޕްރައިމަރީން ޓެޑް ކްރޫޒްއާއި ބާނީ ސޭންޑާސް ކުރި ހޯއްދަވައިފި އެވެ.
ރިޕަބްލިކަން ޕާޓީގެ ގިނަ ޕްރައިމަރީތައް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވި ނަަަމަވެސް، ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ބޭނުންވާ ވަރަށް ޑެލިގޭޓުން ޓްރަމްޕަށް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެމެރިކާގެ ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކުން ކާމިޔާބު ކުރައްވާ ކޮންމެ ސްޓޭޓަކަށް، އެފަރާތަކަށް ލިބުނު ވޯޓުގެ އިންސައްތައަށް ބަލާފައި އެ ސްޓޭޓަކުން ޑެލިގޭޓުން ލިބިލައްވާނެ އެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށްވާން ބޭނުންވާ ބޭފުޅަކު 1237 ޑެލިގޭޓުން ހޯއްދަވަން ޖެހޭނެ އެވެ.
މިހާރު ޓްރަމްޕަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދަކީ 740 ޑެލިގޭޓުންނެވެ. ޓްރަމްޕާ އަޅާބަލާއިރު ކްރޫޒްއަށް ތާއިދު ކުރަނީ 514 ޑެލިގޭޓުންނެވެ.
"އަޅުގަނޑުމެން މޮޅުވަނީ އަޅުގަނޑުމެން ރިޕަބްލިކަން ޕާޓީ އެއްބައި ކުރަމުންދާތީ،" ކްރޫޒަށް ތާއިދު ކުރާ ފަރާތްތަކާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ރިޕަބްލިކަން ޕްރައިމަރީގައި ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދަވާނެ ކަމަށާއި، އޭގެ ފަހުން ރިޔާސީ ރޭހުގައި ހިލަރީ ބަލި ކުރައްވާނެ ކަމަށް ކްރޫޒް ވިދާޅުވި އެވެ.
އިއްޔެގެ ޕްރައިމަރީން ނާކާމިޔާބުވި ނަމަވެސް އަދިވެސް ދާނީ ކުރިއަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ވިސްކޮންސިންގައި އޮތް ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީ ވާމަންޓުގެ ސެނެޓަރު، ބާނީ ސޭންޑާސް ކާމިޔާބު ކުރެއްވި ނަމަވެސް، ޑެލިގޭޓުންގެ އަދަދަށް ބަލާލާއިރު ސޭންޑާސް އުޅުއްވަނީ ހިލަރީ ކްލިންޓަނަށް ވުރެ ފަހަތުގަ އެވެ. އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން ވަނީ މިހާތަނަށް 1،743 ޑެލިގޭޓުން ހޯއްދަވާފަ އެވެ. އެއާ އަޅާބަލާއިރު ސޭންޑާސްއަށް ތާއިދު ކުރާ ޑެލިގޭޓުން އަދަދަކީ 1،056 އެވެ. (ބީބީސީ)