ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެ މައްސަލައާ ގުޅިގެން މާފަންނުގެ ގެއަކުން ރޭ ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމިހާ ހައްޔަރުކުރި ވަގުތު އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް މީހުން ވަނީ އެއްވެފައެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ނުދެއެވެ. ޖިންސީ އަނިޔާ ލިބުނު އަންހެންކުއްޖާގެ އަވައްޓެރިއަކު "ސަން" އަށް ބުނީ، ހައްޔަރުކޮށްފައި ވަނީ އެގޭކައިރީގައި އުޅޭ އަދި އެގެއަށް ރައްޓެހިކަމުގައި ވަދެ ނުކުމެ އުޅޭ އަވައްޓެރިއެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހެޅީވެސް އަވައްޓެރިން ކަމަށް ސަން އަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ. އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ބޮޑެތި އަދަބު ދިނުމަށް ގާނޫނެއް ވެސް ވަނީ ފާސްކޮށްފައެވެ.

އެ ގާނޫނުގެ ދަށުން މިހާރުވެސް އެތައް ބަޔަކު އަންނަނީ ގިނަ އަހަރުތަކެއްގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.