ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި އެތުލެޓިކޯގެ ފެނާންޑޯ ޓޮރޭސްއަށް ރަތް ކާޑު ދެއްކި ރެފްރީ ފެލިކްސް ބްރީޝް، ބޮޑު މެޗަކަށް ތައްޔާރު ނޫން ކަމަށް ބުނެ، ޔޫއެފާއަށް ޓޮރޭސް ފާޑުކިޔައިފި އެވެ.

ބާސާގެ ކޭމްޕް ނޯގައި ސްޕެއިންގެ ދެ ވާދަވެރިން ކުޅުނު މެޗުގައި ޓޮރޭސްއަށް ރަތް ކާޑު ދެއްކީ މެޗުގެ 35 ވަނަ މިނެޓުގައި ސާޖިއޯ ބުސްކެޓްސްއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު އެވެ.

މެޗުގައި ޓޮރޭސްއަށް ފުރަތަމަ ރީނދޫ ކާޑު ދައްކާފައިވަނީ 29 ވަނަ މިނެޓުގައި ބާސާގެ ބްރެޒިލް ތަރި ނޭމާއަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ރީނދޫ ކާޑެކެވެ. އެއީ އޭނާ އެތުލެޓިކޯއަށް ލީޑު ހޯދައިދިންތާ ހަތަރު މިނެޓު ފަހުންނެވެ. ޓޮރޭސްއަށް ދެއްކި ރަތް ކާޑަށްފަހު، މެޗުގައި ބާސާގެ އުރުގުއޭ ތަރި ލުއިސް ސުއަރޭޒް ޖެހި ދެ ލަނޑުން ފަހަތުން އަރައި އެޓީމު މޮޅުވީ 2-1 ލަނޑުންނެވެ.

"އެއީ ވަރަށް ދެރަކަމެއް. ޔޫއެފާއިން ބޮޑު އިސްކަމެއް ދެނީ ޓީމުތަކުގެ ޖާޒީތައް ބަދަލު ކުރުވުމުގަ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު މެޗަކަށް ފެންވަރުހުރި ރެފްރީން ބޭނުން ނުކުރުން،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޓޮރޭސް ބުންޏެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ ލެގު މެޗުގައި ބާސާއާއި އެތުލެޓިކޯ ބައްދަލުކުރާނީ އަންނަ ބުދަ ދުވަހު އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެތުލެޓިކޯގެ ވިސެންޓޭ ކަލްޑެރޯން ސްޓޭޑިއަމްގައެވެ.