ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ، ޑޮމިނިކާގެ ޕެޓްރީޝާ ސްކޮޓްލެންޑް ހަވާލުވެ، އެމަގާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާގެ ޝަރަފު ލިބިވަޑައިގެންފި އެވެ.

ޕެޓްރީޝާއަކީ، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގައި ކުރިން އުޅުއްވި މެމްބަރެކެވެ. އަދި މީގެ ކުރިން އިނގިރޭސި ސަރުކާރުގެ ކެބިނެޓު ވަޒީރުކަން ވެސް ކުރައްވާފައި ވެ އެވެ.

މީގެ އިތުރުން، އެކަމަނާއަކީ ދިވެހި ރާއްޖެއާ ގާތް ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރާއްޖެއަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)އިން ފިއްތުންތައް ކުރިމަތި ކުރުވި އިރު، ޕެޓްރީޝާ ވަނީ ދިވެހި ސަރުކާރަށް ގާނޫނީ ގޮތުން ލަފާ ދެއްވައިފަ އެވެ.

އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އދ. ގެ ވޯކިންގ ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނުން ބަލަމުން ދިޔަ އިރު، ދިވެހި ސަރުކާރަށް ގާނޫނީ ލަފާ ދެއްވި އިނގިރޭސި ވިލާތުގެ އޮމްނިއާ ސްޓްރެޓަޖީ ލޯ ފާރމްއަށް ލަފާ ދިނުމުގެ ކައުންސިލުގައި ވެސް އެކަމަނާ ހިމެނިވަޑައިގެންފައި ވެ އެވެ.

ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ޕެޓްރީޝާ ހަވާލުވެވަޑައިގެންފައި ވަނީ، މިއަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ރަސްމީކޮށް ޕެޓްރީޝާ އެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ ހޯމަ ދުވަހު ލަންޑަނުގައި ހުންނަ ކޮމަންވެލްތު އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

އިނގިރޭސި، އަދި އެކި ގައުމުތަކުގެ ބައެއް ޑިޕްލޮމެޓުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ދެއްވި ފުރަތަމަ ހިތާބުގައި، ޕެޓްރީޝާ ވިދާޅުވީ، އޭނާ ހުންނެވީ މޫސުމަށް އަންނަ ބަދަލުތަކާއި، އަންހެނުންނަށް ދެވޭ އަނިޔާ ނައްތާލައި، ހެޔޮ ވެރިކަމާއި ވިޔަފާރި ކުރި އަރުވައި، ސިއްހީ ކަންކަން ކުރިއެރުމުގެ އިތުރުން ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ތައްޔާރަށް ކަމަށެވެ.

އަދި ޒުވާނުންނަށް ދޭންޖެހޭ ފުރުސަތުތައް ހޯދައިދޭނެ ކަމަށް ވެސް ޕެޓްރީޝާ ވިދާޅުވި އެވެ.

"ކަންކަން ރަނގަޅަށް ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް. އަޅުގަނޑު ބޭނުންވަނީ، އެއް އަސާސުތަކަކާއި އެއް އުންމީދުތަކެއް ގެންގުޅޭ ގިނަ ބައެއްގެ މަންދޫބަކަށް ކޮމަންވެލްތު ވުން،" ޕެޓްރީޝާ ވިދާޅުވި އެވެ.

ޕެޓްރީޝާއަކީ، ކޮމަންވެލްތުގެ ހަވަނަ ސެކްރެޓަރީ ޖެނެރަލެވެ. ޕެޓްރީޝާގެ ކުރިން އެމަގާމުގައި ހުންނެވީ އިންޑިއާގެ ބޭފުޅެއް ކަމުގައިވާ ކަމަލޭޝް ޝަރުމާ އެވެ.