ނޫސްވެރިންގެ ހައްގުތަކަށް ގޮވާލައި ބައެއް ނޫސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރު ކުރި ނޫސްވެރިން ބަލައިފާސްކުރިގޮތާ މެދު މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެކޮމެޓީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން އެނޫސްވެރިން ސްޓްރިޕް ސާޗްކޮށްފައިވުމަކީ ނޫސްވެރިން ލަދުގަންނަވައި ފުރައްސާރަ ކުރުމަށް ކުރި ކަމެއް ކަމަށް ގަބޫލްކުރާ ކަމަށެވެ.

މިއީ ހާއްސަކޮށް އަންހެން ބޭފުޅުން ހައްގު ހޯދުމަށް ޓަކައި ނުކުތުމަށް އެޅޭ ހުރަހެއް ކަމަށް ވެސް އެކޮމެޓީން ވަނީ ސިފަކޮށްފަ އެވެ.

އެކޮމެޓީން ވަނީ ހައްޔަރު ކުރެވޭ ފަރާތްތަކާ މެދު އަމަލު ކުރުމުގައި ފުލުހުންގެ ގާނޫނަށް ތަބާވުމަށާއި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ގޮވާލައިފަ އެވެ.

އެނގިފައިވާ ގޮތުގައި، ހައްޔަރު ކުރި ހަތް އަންހެން ނޫސްވެރިންގެ ތެރެއިން ހަ ނޫސްވެރިޔަކު ވަނީ ބަރަހަނާ ކޮށްގެން ބަލައި ފާސްކޮށްފަ އެވެ. އޭގެ ތެރެއިން ތިން ނޫސްވެރިޔަކު ދެ ފަހަރަށް ސްޓްރިޕް ސާޗް ކޮށްފައިވެ އެވެ. އެނގިފައިވާ ގޮތުގައި، އެއީ މޯލްޑިވްސް އިންޑިޕެންޑެންޓަށް ނިސްބަތްވާ ތިން ނޫސްވެރިންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް) އިން މީގެ ކުރިން ބުނެފައި ވަނީ، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބަރަހަނާކޮށްގެން ބަލައި ފާސްނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވާނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެކަން ކުރާ ހާލަތެއްގައި، އެކަން ކުރަން ޖެހޭނީ އެކަމަށް ޚާއްސަ ތަމްރީނު ލިބިފައިވާ، އަދި އެކަން ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކެއް ކަމަށް ކަނޑައެޅުމަށް ކަމަށެވެ.

އަދި "ސްޓްރިޕް ސާޗު" ކުރުމަކީ އިންސާނީ ގަދަރާއި ކަރާމާތަށް ކުޑައިމީސްކަން އަންނަ ކަމެއްގެ ކަމަށާއި އެއީ އިންސާނީ ހައްޤަށް ލިބޭ އުނިކަމެއްގެ ގޮތުގައި އެ ކޮމިޝަނުން ގަބޫލުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.