އައްޑޫ ސިޓީގައި ކުރިއަށް ދިޔަ 17 ވަނަ ސާރކް ސަމިޓުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވާ "އެގްރީމަންޓް އޮން އެސްޓެބްލިޝިންގ ދަ ސާރކް ސީޑް ބޭންކް" ރާއްޖެއިން ތަސްދީގު ކުރުމަށް ނިންމައި އެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސާކް ސީޑް ބޭންކް އެގްރީމަންޓް ރާއްޖެއިން ތަސްދީގުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތެއް ނިންމަވައިދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވެވި ސިޓީފުޅު މިއަދު ވަނީ މަޖިލީހަށް އިއްވާފަ އެވެ.

"ދެހާސް އެގާރަ ވަނަ އަހަރުގެ ނޮވެމްބަރު އެގާރަ ވަނަ ދުވަހު ދިވެހިރާއްޖޭގެ އައްޑޫ ސިޓީގައި ބޭއްވުނު 17 ވަނަ ސާރކް ސަމިޓުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވާ އެގްރީމަންޓް އޮން އެސްޓެބްލިޝިންގ ދަ ސާރކް ސީޑް ބޭންކް ދިވެހިރާއްޖެއިން ތަސްދީގު ކުރުމަށް ނިންމައިފީމެވެ." ރައީސްގެ ސިޓީފުޅުގައިވެ އެވެ.

އެހެންކަމުން އެ މައްސަލަ ދިރާސާކޮށް މަޖިލީހުން ދެކޭ ގޮތެއް އަންގަވައިދެއްވުމަށް ރައީސް އެދިވަޑައިގެންފައި ވާއިރު، ސިޓީފުޅާއެކު އެގްރީމަންޓު ތަސްދީގު ކުރުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ ކަރުދާހާ އެ އެގްރީމަންޓުގެ ކޮޕީއާ އަދިވެސް އިތުރު ލިޔުންތައް ވަނީ ފޮނުއްވާފަ އެވެ.

އެ އެގްރީމަންޓަކީ ސާކުގެ ގައުމުތަކުގައި ދަނޑުވެރިކަން އިތުރުކޮށް، ދަނޑުވެރިކަން ކުރުމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް، އުފައްދާ ކާނާގެ ފެންވަރު ރަނގަޅު ކުރުމަށް ސަރަހައްދީ ލީޑަރުން ސޮއިކޮށްފައިވާ އެގްރީމަންޓެކެވެ.