02 May 2011, 23:41
އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ގދ. ތިނަދޫ ބްރޫމް ނިޔާޒު އިބްރާހިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މި ރޭ ރުހުން ދީފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމުނު ނަމަވެސް އޮޑިޓާ ޖެނެރަލަށް ރުހުން ދިނުމުގެ މައްސަލަ އާއި ކުށްކުރުން މަނާ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލު ނިންމުމަށް ޓަކައި ދައުރުން ބޭރުން މި ރޭ ބޭއްވި ހާއްސަ ޖަލްސާގައި އޮޑިޓާ ޖެނެރަލްގެ މަގާމަށް ނިޔާޒު އައްޔަން ކުރަން ފެނޭތޯ ވޯޓަށް އެއްސެވުމުން އެނަން ފާސްކޮށްފައި ވަނީ އެ ވަގުތު ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ނިޔާޒް އިބްރާހީމަކީ، އިނގިރޭސިވިލާތުގެ ބާމިންގް ހަމް ޔުނިވާސިޓީން، އޮޑިޓް މެނެޖްމަންޓް އެންޑް ކޮންސަލްޓެންސީގެ ރޮނގުން މާސްޓާ އޮފް ސައެންސް ހައްދަވައި، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގައި، އެކައުންޓިން އެންޑް ފައިނޭންސްގެ ރޮނގުން ބެޗްލާޒް ޑިގްރީ (އޮނާޒް) ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ އެސޯސިއޭޝަން އޮފް ޗާޓާޑް ސާޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ސާޓިފައިޑް އެކައުންޓެންޓެކެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އޮޑިޓަ ޖެނެރަލް ކަމަށް އައްޔަން ކުރެއްވުމަށް ނިޔާޒުގެ ނަން މަޖިލީހަށް ފޮނުއްވާފައި މިވަނީ، އޮޑިޓާ ޖެނެރަލެއް ނެތި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ސަރުކާރަށް ފާޑުކިއުންތައް ރައްދުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ކުރިން އޮޑިޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ނައީމުގެ މައްޗަށް އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައްޔިތުންގެ އޭނާ މަގާމުން ވަކި ކުރުމުން، އެ މަގާމަށް އައްޔަންކުރުމަށް ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި އަލީ ރަޝީދުގެ ނަން ވެސް މަޖިލީހުން ވަނީ ފެއިލްކޮށްލައިފަ އެވެ.
ކުރިން އޭސީސީގެ ރައީސްކަން ކުރެއްވި އަލީ ރަޝީދުގެ ނަން މަޖިލީހުން ފެއިލްކޮށްލާފައި ވަނީ ޑިސެމްބަރު8، 2010ގަ އެވެ.