06 Apr 2016, 09:54
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާގެ އުރުގުއޭ ތަރި ލުއިސް ސުއަރޭޒް ކާމިޔާބުކުރި ދެ ލަނޑުން، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ އެތުލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ބާސާގެ ކޭމްޕް ނޯގައި ސްޕެއިންގެ ދެ ވާދަވެރިން ކުޅުނު މެޗުގައި އެތުލެޓިކޯގެ މައްޗަށް ބާސާ ކުރި ހޯދީ ފަހަތުން އަރައި، 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ 25 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. ކޮކޭ ދިން ބޯޅައަކުން އެތުލެޓިކޯ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން ފޯވަޑް ފެނާންޑޯ ޓޮރޭސް އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޓޮރޭސް ޖެހި ލަނޑަށްފަހު، އެތުލެޓިކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ -- އެ މެޗުގައި އެތުލެޓިކޯ އަތުން ބާސާ މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ
މެޗުގެ 35 ވަނަ މިނެޓުގައި ބާސާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސްއަށް ކުރި ފައުލަކާ ގުޅިގެން ޓޮރޭސްއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކި އެވެ. އޭނާއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ މެޗުގެ 29 ވަނަ މިނެޓުގައި ބާސާގެ ބްރެޒިލް ތަރި ނޭމާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ ފުރަތަމަ ހާފް އެތުލެޓިކޯ ކުރީގައި އޮވެގެން ނިމިގެންދިޔަ އިރު، ދެވަނަ ހާފުގެ ކުރީކޮޅު ބާސާއިން އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. މެޗުގެ 50 ވަނަ މިނެޓުގައި ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ، އޯވަހެޑަކުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯގެ ގޯލަށް އޯވާހެޑަކުން މެސީ (ކ) ހަމަލާއެއް ފޮނުވާލަނީ -- އެ މެޗުން ބާސާ މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ
ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 63 ވަނަ މިނެޓުގައި ސުއަރޭޒް ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސްޕެއިން ޑިފެންޑަރު ޔޯޑީ އަލްބާ ދިން ބޯޅައަކުންނެވެ.
ސުއަރޭޒް ބާސާއަށް އެ މެޗުގެ ލީޑު ނަގައިދިން ލަނޑު ފެނިގެން ދިޔައީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބްރެޒިލް ޑިފެންޑަރު ޑެނީ އަލްވޭސް ނަގައިދިން ހުރަހަކުން އެތުލެޓިކޯ ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޕޯޗުގަލްގެ ބެންފިކާ އަތުން ޖަރުމަނުގެ ބަޔާން މިއުނިކް ވަނީ މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ބަޔާން މޮޅުވީ 1-0 ލަނޑުންނެވެ. ބަޔާންގެ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗިލީ މިޑްފީލްޑަރު އާޓުރޯ ވިޑާލް އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބެންފިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު، ބަޔާންގެ ވިޑާލް އުފާފާޅުކުރަނީ: އެ މެޗުން ބަޔާން މޮޅުވީ 1-0 ލަނޑުން -- ފޮޓޯ: އޭޕީ
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ ދެ މެޗެއް މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އަމިއްލަ ދަނޑުގައި އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ނުކުންނައިރު، އަމިއްލަ ދަނޑުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ވާދަކުރާނީ ޖަރުމަނުގެ ވޮލްފްސްބާގާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ފެށޭނީ ރާއްޖެގަޑިން މިރޭ 11:45 ގައެވެ.