06 Apr 2016, 09:31
ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ، ރައީސްކަމުގެ މަގާމުން ދުރުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނެގި ވޯޓު ނާކާމިޔާބުވެއްޖެ އެވެ.
ދެކުނު އެފްރިކާގެ ރައީސް މަގާމުން ދުރުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވޯޓު ނެގީ، ރައީސް ޒޫމާ އެމަނިކުފާނުގެ އަމިއްލަފުޅު ގެ މަރާމާތު ކުރުމަށް ދައުލަތުގެ ފައިސާ ބޭނުންކޮށް، ރިޔާސީ ހުވައާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ދެކުނު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ކަނޑައެޅުމުންނެވެ.
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުން ރައީސް ޒޫމާ ރިޔާސީ ހުވައާ ޚިލާފުވެވަޑައިގެން ކަމަށް ކޯޓުން ހުކުމް ކުރުމުން، މަޖިލީހުން އެމަނިކުފާނު މަގާމުން ދުރު ކުރުމަށް ވޯޓު ނެގި ނަމަވެސް، އެ ވޯޓު ކާމިޔާބުވާ ގޮތެއް ނުވި އެވެ.
ޒޫމާ މަގާމުން ދުރުކުރުމަށް 143 މެމްބަރުން ވޯޓު ދެއްވި އިރު، އެކަމާ ދެކޮޅަށް 233 މެމްބަރުން ވޯޓު ދިނެވެ.
ދެކުނު އެފްރިކާގެ ސަރުކާރުގައި ކޮރަޕްޝަނުގެ ކަންކަން ހިނގާތޯ ބަލާ ޕަބްލިކް ޕްރޮޓެކްޓަރުގެ އޮފީހުން 2014 ވަނަ އަހަރު ބުނެފައިވަނީ، ރައީސް ޒޫމާ އަމިއްލަފުޅަށް ވަނީ އެގައުމުގެ މާލިއްޔާއިން ފައިސާ ނަންގަވައި، އެމަނިކުފާނުގެ އަމިއްލަފުޅު ގެ މަރާމާތުކޮށް ހައްދަވާފައި ކަމަށެވެ.
އެގޮތުން، ކުކުޅު ކޮށްޓަކާއި ސްވިމިންގ ޕޫލެއް ވެސް އެ ފައިސާގައި ޒޫމާ ވަނީ އަމިއްލަފުޅު ގޭގައި ހައްދަވައިފަ އެވެ. މީގެ އިތުރުންވެސް ޒޫމާ އަމިއްލަފުޅު ގޭގައި ކުރެއްވި އެކި ކަހަލަ މަސައްކަތްތަކަށް، ޖުމްލަ 15.8 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ހޭދަ ކުރައްވާފައި ވެ އެވެ.