06 Apr 2016, 09:05
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރ. އިންނަމާދޫ އާއި ރ. މާކުރަތުގެ ހަތަރު ގެއަކުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ތަކެތި ހޯދައިފި އެވެ.
ފުުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ދެ ރަށުގެ 9 ގެ އެއް ވަނީ ބަލައިފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންނަމާދޫ ފަސް ގެއަކާއި، މާކުރަތު ހަތަރު ގެއެކެވެ.
ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ސާމާނު ފެނިފައި ވަނީ އޭގެ ތެރެއިން ހަތަރު ގެއަކުންނެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އިންނަމާދޫ ދެ ގެއަކުންނާ މާކުރަތުގެ ދެ ގެއަކުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކަކާއި ލިޔުންތަކަކާއި ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، އެ އޮޕަރޭޝަނުގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.