މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މައިލޯ ޗެރިޓީ ޝިލްޑް މެޗު ނިއުރޭޑިއަންޓް 0-1 އިން ބަލިކޮށް މާޒިޔާ އިން ކާމިޔާބްކޮށްފިި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ކުރީކޮޅުގައި މާޒިޔާ އިން ނިއުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. މެޗު ފެށިގެން މާޒިޔާގެ އަހުމަދު ނާޝިދު (ނާއްޓޭ) ހިފައިގެން އައި ބޯޅަ ނިއުގެ ގޯލު އޭރިއާ ކުރިމަތީ ހުރެ ފޮނުވާލި ނަމަމެސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި ނިއު އިން މާޒިޔާގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިނުވި ނަމަވެސް އެ ޓީމުން ވަނީ ރަނގަޅު ހަމަލާތަކެއް އުފެއްދުމަށް މަސަތްކަތް ކޮށްފައެވެ. އެ ގޮތުން ނިއުގެ އަބްދުﷲ ހަނީފް (ބެންޖޯ) އާއި ރިލްވާން ވަހީދު (ރިލޭ) އާއި އިއްޒަތު އަބްދުލްބާރީ ފޮނުވާލި ހަމަލާތަށް މާޒިޔާގެ ގޯލަށް އަމާޒު ކޮށްލެވޭ ގޮތެއް ނުވިއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ނިއު އާއި މާޒިޔާ ކުޅުނު މައިލޯ ޗެރިޓީ ޝިލްޑް މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ދެވަނަ ހާފު ފެށިގެން ނިއު އިން ރަނގަޅު ކުޅުމެއް ދެއްކި އިރު އެ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕް) އަށް ވަނީ ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކަރު ވެފަ އެވެ. އެގޮތުން މާޒިޔާގެ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ދިފާއު ކުރިއިރު އިއްޒަތު ނަގައިދިން ހުރަސް ހަމްޕް ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް އަމާޒްވީ އިމްރާންގެ އަތަށެވެ.

ދެވަނަ ހާފްގައި ފަހު ކޮޅު މާޒިޔާއިން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލެކެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އެގޮތުން އަހުމަދު އިމާޒް(އާއްކޮ) ނަގައިދިން ހުރަސް ނިއުގެ ގޯލުގެ ކުރިމަތިން ހުރަސްވެގެން ދިޔައިރު މާޒިޔާގެ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން ނިއުގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މައިލޯ ޗެރިޓީ ޝިލްޑް މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ނިއު ކޮޅަށް މާޒިޔާގެ އަސަދުﷲ ކާމިޔާބް ކުރުމަށްފަހު އުފާފާޅު ކުރަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ

މެޗުގެ 90 މިނެޓް ހަމަވިއިރުވެސް ނަތީޖާއަށްބަދަލެއް އައިސްފައި ނުވުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނު އިރު މާޒިޔާގެ ހަމައެކަނި ގޯލު 96 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބް ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަސަދުﷲ އަބްދުﷲ(އަސައްކޮ) އެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ނިއުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ކީޕަރު ވެސް ބީޓު ކުރުމަށްފަހުގަ އެވެ.

އިތުރު ވަގުތެގެ ދެވަނަ ހާފުގައި ނިއުއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިނުއިރު ހަމްޕް ނަގައިދިން ހުރަސް އަހުމަދު ނިޔާޒު ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ މަޒިޔާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިރޭގެ މެޗު ކާމިޔާބު ކޮށް މިއަހަރުގެ ޗެރިޓީ ޝީލްޑް މާޒިޔާ އިން ކާމިޔާބުކޮށްފައިވާ އިރު މިދިޔަ އަހަރު ވެސް މާޒިޔާ އިން ޗެރިޓީ ޝީލްޑް މެޗު ކާމިޔާބް ކުރީ ނިއުބަލިކޮށްފަ އެވެ.