މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

ރިލްވާން ގެއްލުނުތާ 606 ދުވަސް ފަހުން، އެ މައްސަލާގައި ދެ މީހަކު މިރޭ ހައްޔަރު ކުރީ ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ރަތް ކުލައިގެ ކާރާ ގުޅުމެއް އޮވެގެންނެވެ. އެ ކާރުން ފެނުނު އިސްތަށްޓެއްގެ ޑީއެންއޭ، ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވެ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ ރިލްވާން މައްސަލާގައި މިރޭ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރ ކުރީ ހުޅުމާލެއިން ކަމަށެވެ. އަނެކަކު ހައްޔަރު ކުރީ މާލެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަނުން އެކެއްގެ އުމުރަކީ 29. އަނެކަކުގެ އުމުރަކީ 31،" އެ މީހުންގެ ވަނަވަރު އާންމުނުކޮށް، އެ މީހުންނާ ގުޅޭ ގޮތުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.

ރިލްވާން ގެއްލުނު މައްސަލާގައި 2014 ވަނަ އަހަރު ފަސް މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކޯޓުން އެ މީހުން ދޫކޮށްލި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ފަސް މީހުންގެ ތެރެއިން އެކަކު ރާއްޖޭގައި މިހާރު ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އިސްކަންދަރު ބިލްޑިންގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަތީހު ވިދާޅުވީ ރިލްވާން ގެއްލުނު ދުވަހު އޭނާއަށް ފާރަލަމުން ބަޔަކު ދިޔަ ކަމަށާއި އެކަން ކުރީ ކުޑަހެންވޭރަށް ނިސްބަތްވާ ބައެއް ކަމަށެވެ. ރިލްވާންއަށް ފާރަލުމުގައި އިސްކޮށް އުޅުނީ ސ. ހުޅުދޫ، އަތިރިއާގެ، މުހައްމަދު ސުވައިދު ކަމަށާއި އޭނާ މިހާރު ރާއްޖޭގައި ނެތް ކަމަށް ޝަތީހު ވިދާޅުވި އެވެ. ސުވައިދުއަކީ ރިލްވާންގެ މައްސަލާގައި ހައްޔަރު ކުރުމުން ކޯޓުން ދޫކޮށްލި މީހެކެވެ.