05 Apr 2016, 22:17
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރިސޯޓްތަކަށް ހާއްސަކޮށްގެން ފެނާއި ނަރުދަމާ އާއި ކަރަންޓުގެ އިންޖިނިއަރިން ޕެކޭކްތަކެއް ތައާރަފު ކުރީ ރިސޯޓު ދާއިރާއަށް އެ ކުންފުނިން ވަނުމުގެ މަގުސަދުގައި ނޫން ކަމަށް، އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ ހުޅުމާލެ ސައިޓުގައި އިއާދަކުރުވަނިވި ހަކަތަ އުފައްދާ ނިޒާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ އެފަދަ ޕްރޮޖެކްޓުތަކެއް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ފައިދާ ހޯދައިދިނުން ކަމަށެވެ.
ހަމައެއާއެކު އެމްޑަބްލިއުއެސްސީ އަކީ ރާއްޖޭގެ ފެނާ ނަރުދަމާގެ މަސައްކަތްތައް ކުރާ މައިގަނޑު އެއް ކުންފުންޏަށް ވާއިރު، އެފަދަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ފަޒުލް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން ރިސޯޓު ދާއިރާއަށް ވަންނަން ކުރާ މަސައްކަތެއް ނޫން. އަޅުގަނޑުމެން ހިންގާ މިފަދަ ކޮންމެ މަޝްރޫއަކީ އޭގެ ފައިދާ ރައްޔިތުންނަށް ލިއްބައިދޭނެ ކަންކަން،" ފަޒުލް ވިދާޅުވި އެވެ.
"އެމްޑަބްލިޔުއެސްސީ ޔުޓިލިޓީ ސޮލިއުޝަންސް" ނަމުގައި ތައާރަފު ކުރި ޕެކޭޖުތަކުގައި ތިން ބާވަތެއްގެ ޕެކޭޖެއް ހިމެނެ އެވެ.
ފުރަތަމަ ޕެކޭޖަކީ ބޭސިކް ޕެކޭޖްގެ ނަމުގެ ދަށުން ވަކިވަކިން ދެވޭ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ އިންޖިނިއަރިން ސޮލިއުޝަންސް އެވެ.
ދެވަނަ ޕެކޭޖަކީ އެލީޓް ޕެކޭޖު ކަމަށާއި އޭގެ ދަށުން ރިސޯޓުގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ އިތުރުން ކުނި ނައްތާލުމުގެ މުޅި ސިސްޓަމް ގާއިމްކުރާނެކަމަށް އެމްޑަބްލިޔުއެސްސީ އިން މައުލޫމާތުދެ އެވެ.
ތިންވަނަ ޕެކޭޖަކީ ބޯނަސް ޕެކޭޖެވެ. އެއީ ރިސޯޓްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތަކަށް އެެފަރާތުން ފޯރުކޮށްދިނުމަށްޓަކައި ފޯރުކޮށްދޭ ހިދުމަތެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. އޭގެތެރޭގައި އޮޕަރޭޝަން އަދި މެއިންޓަނެންސް ތަމްރީނު ޕެކޭޖަކާއި ފެން ތަހުލީލް ކުރުމުގެ ޕެކޭޖް ހިމެނެ އެވެ.
އެމްޑަބްލިޔުއެސްސީ ޔުޓިލިޓީ ސޮލިއުޝަންސް އަކީ އޭގެ ސަބަބުން ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކަށް މަންފާ ކުރާނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.