ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރު ނާރާ ގޮތަށް އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް އެ ބިލް މަޖިލީހަށް ހުށަހެޅި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުންނާއެކު މިއަދު ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު މަޖިލިސް ކައިރީގައި މީޑިއާތަކާ ވާހަކަދައްކަމުން ނިހާން ވިދާޅުވީ، ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށްވާ މީޑިއާ އާއި ނޫސްވެރިންނަށް މައުލޫމާތު ހާމަކުރުމުގައި ގާނޫނަކުން ދަތިތަކެއް ކުރިމަތިވާނަމަ އެއީ ސީރިއަސް ކަމެއް ކަމަށެވެ.

އަބުރުގެ ބިލް މިހާރު ފަރުމާކުރެވިފައިވާ ގޮތާމެދު ނޫސްވެރިންގެ ތެރޭގައި ކަންބޮޑުވުންތައް އޮތްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިލާ ގުޅޭ ގޮތުން ނޫސްވެރިން އޮތް ކަންބޮޑުންތަކަށް، ހައްލު ހޯދުމަށް ބިލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކޮމެޓީ މަރުހަލާގައި މީޑިއާ ކައުންސިލާއެކު މަސައްކަތް ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމް ޕީޖީ ލީޑަރު ނިހާންއާއެކު ބޭއްވި މަޝްވަރާތަކަށްފަހު މީޑިއާ ކައުންސިލްގެ ރައީސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސަރުކާރެއް ނުވަތަ ވެރިކަމެއްގައި އޮންނަ ފަރާތެއްގެ ވާހަކަ ލިޔުން ނުވަތަ ހިޔާލުފާޅުކުރުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް. މި ބިލެއް ފަރުމާކޮށް މަޖިލީހަށް ގެނައީކީއެއް ނޫސްވެރިންނަށް އެ މީހުން ކުރާ މަސައްކަތައް ހުރަހެއް އެޅުމުގެ އުއްމީދެއް އަޅުގަނޑުގެ އޮވެގެންނެތް ނޫން،" ނިހާން ވިދާޅުވި އެވެ.

އެގޮތުން ޕީޖީ ލީޑަރު ވަނީ، ނޫސްވެރިންނާއި މީޑިއާގެ މަޝްވަރާއާއެކު ނޫސްވެރިނަށް ދައްޗެއް ތުރާލެއް ނުވާނެ ގޮތަށް އެ ބިލަށް ބަދަލުތަކެއް ގެނެވޭނެ ކަމުގެ ޔަގީންކަން ނިހާން ވަނީ މިއަދު ދެއްވާފަ އެވެ. އަދި ބިލުގެ ކޮމެޓީ މަރުހަލާ ކުރިއަށް ދާނީ މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ހިއްސާއާ މަޝްވަރާތަކާއެކު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އެއްވެސް އިރެއްގައި ހިޔާލަކު ނެތޭ ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑު ހުރަހެއް އެޅޭފަދަ، މުހިއްމު ކަމެއް ހާސިލްކުރުމަށްޓަކާ ކުރިއަށް ގެންދެވޭއިރު، އިސްކަންދެވިފަ އޮތް ތަރުތީބު މިއޮތީ މީހެއްގެ އަބުރާ ބެހިއްޖެނަމަ އެމީހަކަށް ދޭނެ އަދަބުގެ ވާހަކަ. ދެން އޭގެ ތެރެއަށް ވަދެގެން މި އަންނަނީ އަދަބު ރިޕޯޓް ކޮށްފިއްޔާ، އެ ވެސް ނޫސްވެރިކަމުގެ ވާހަކަ މި އަންނަނީ. އެހެންވީމަ އެ ހިސާބުން އެކަން ހައްލުކުރެވޭނެ،" ނިހާން ވިދާޅުވި އެވެ.

އެމްއެމްސީގެ މެމްބަރުނނާއެކު ބޭއްވި މަޝްވަރާތަކަށްފަހު މަޖިލީހުގެ ބޭރުގައި ބައެއް ނޫސްވެރިންނާ ނިހާން ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަބުރުގެ ބިލް އަނބުރާ ގެންނަވަންޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ. ނަމަވެސް އަބުރާ ބެހުމުގެ ބިލެއް ވުޖޫދަށް އަންނަ ޖެހޭ އެތައް ސަބަބެއް އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ނޫސްވެރިންނަށް ދަތިވެގެން ނޫސްވެރިކަން ނުކުރެވޭ މިންވަރަށް މި ބިލްގެ ކަންތައްތައް އޮތްކަމަށް ގަބޫލުފުޅުކުރައްވާނަމަ އެއީ އެއް ހާލަތޭ އަޅުގަނޑު މި ބިލް ވިތްޑްރޯ ކުރާނެ. އެނޫން އެއްވެސް ހާލަތެއް ނެތް،" ނިހާން ވިދާޅުވި އެވެ.

ނިހާން މަޖިލީހަށް ހުށަހަޅުއްވާފައިވާ އަބުރުގެ ބިލުގައި ބުނެފައިވަނީ އަބުރާ ބެހުމާއި އިސްލާމް ދީނާ ހިލާފަށް ހިޔާލު ފާޅުކުރުމުންނާއި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހިޔާލު ފާޅުކުރުމުން ފަސް މިލިއަން ރުފިޔާއާ ހަމަޔަށް ޖޫރިމަނާކޮށް ޖަލަށް ލެވިގެންދާނެ ކަމަށެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން އަބުރާ ބެހުމުގެ މައްސަލައެއް ފާހަގަވެއްޖެނަމަ އެކަން ހުށަހަޅަންޖެހޭނީ ފުލުހުންނަށް ކަމަށާއި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށް ފޮނުވަންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން އަބުރާ ބެހުމުގެ މައްސަލަތަކަކީ މަދަނީ ދައުވާއަކަށްވުމުން އެފަދަ ކަންކަމުގައި ދައުވާ ކުރަންޖެހޭނީ އަމިއްލަ ހައިސިއްޔަތުން ސިލިވް ކޯޓުގަ އެވެ. ނަމަވެސް މިހާރު ބިލު އޮތް ގޮތުން އެފަދަ މައްސަލަ ޖީނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނީ ފުލުހުންނެވެ.

އެ ބިލުގައި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކޮށްފިނަމަ ބައި ލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި މި ފައިސާ ނުދައްކައިފި ނަމަ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.