ހަކަތައަށް ކުރެވޭ ހަރަދު ކުޑަކުރުމަށް އެމްޑަބްލިއުއެސްސީގެ ހުޅުމާލެ ސައިޓުގައި އިރުގެ އަލި ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ.

އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ފުޅި ބަންދުކުރާ ފެކްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ.

މިއަދު އިފްތިތާހު ކުރި މަޝްރޫއުގެ ދަށުން 381.87 ކިލޯވޯޓުގެ ސޯލާ ޕަވާ ސިސްޓަމެއް ފުރާޅުގައި ވަނީ ހަރުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ 2018 ވަނަ އަހަރު ނިމެންވާއިރަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓަކީ އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުން ކަމަށެވެ.

ހަމައެއާއެކު އިއާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރުމުގެ ސަބަބުން ހަރަދު ކުޑަވެ، ގައުމުގެ ތަރައްގީއަށް އިތުރު ފައިދާވާނެ ކަމަށެވެ.

"ކަރަންޓު ބިލަށް ދައްކަން ޖެހޭ ފައިސާ ކުޑަވެގެން ދާނެ. ހަމައެއާއެކު ރާއްޖެއަށް ގެންނަ ތެލުގެ އަދަދު ވެސް ކޮންމެ ވެސް މިންވަރެއް ކުޑަވެގެންދާނެކަން ހަމަ ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީ ހުޅުމާލެ ފުޅި ބަންދުކުރާ ފެކްޓްރީގައި ހަރުކުރި 381.87 ކިލޯވޯޓުގެ ސޯލާ ޕަވަރ ސިސްޓަމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވާހަކަދައްކަވަނީ -- ސަން ފޮޓޯ

މިނިސްޓަރު ވިދާޅުވީ މި އަހަރު ތެރޭގައި ވެސް އިއާދަކުރުވަނިވި ހަކަތަ އުފެއްދުމުގެ އިތުރު ނިޒާމުތައް ގާއިމު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މިހާރު ވެސް ހަތަރު މެގަވޯޓުގެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ކޮންޓްރެކްޓުގައި ސޮއި ކުރެވިފައިވާ ކަމަށާއި، އެގޮތުން ހުޅުމާލޭގައި ވެސް 1.5 މެގަވޯޓުގެ ސޯލާ ޕަވާ އަދި އައްޑޫގައި 1.6 މެގަވޯޓުގެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ކުރިއަށް ދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"އޭގެ އިތުރުން އަޅުގަނޑުމެން މި ބަލަނީ މި އަހަރު ތެރޭގައި އިތުރު ދޭއް ނުވަތަ ތިން މެގަވޯޓުގެ ސޯލާ ޕެނަލް ޖެހުމުގެ ޕްރޮޖެކްޓު އިއުލާނު ކުރެވި މަސައްކަތް ކުރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ މަދުން ކާބަން ބޭނުންކުރާ އިގްތިސާދެއް އޮތް ގައުމަކަށް ހެދުން ކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ 2012 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުތަކުގައި އިއާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރަމުން އަންނަ ކަމަށެވެ. މާލެ، މާފުށި، ދުވާފަރު އަދި ކުޅުދުއްފުށީގައި ގާއިމު ކުރެވިފައިވާ ސެންޓަރުތަކުގައި ޖުމްލަ 202 ކިލޯވޯޓުގެ ސޯލާ ގާއިމުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލޭގައި މިއަދު އިފްތިތާހު ކުރި މަޝްރޫއު އާއެކު އެ ކުންފުނީގައި 583.87 ކިލޯވޯޓުގެ ސޯލާ ވަނީ ގާއިމުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، މިއަދު އިފްތިތާހް ކުރެވުނު މަޝްރޫއު އަކީ އެއް މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީ ހުޅުމާލެ ފުޅި ބަންދުކުރާ ފެކްޓްރީގައި ހަރުކުރި 381.87 ކިލޯވޯޓުގެ ސޯލާ ޕަވަރ ސިސްޓަމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ

އަދި އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރުމަށް އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށެވެ.

"ޕަވަރ މަދު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ ހުރިހާ ފުރާޅުތައް މަތީގައި އަތުރާލާނަން،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ ސޯލާއަކީ އަގުބޮޑު މަސައްކަތެއް ނަމަވެސް، އެ މަސައްކަތުގެ ސަބަބުން ކުންފުނީގެ ހަރަދު ކުޑަވެ ފައިދާ އިތުރުވެގެންދާނެ ކަމަށެވެ.