ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އާ އެކު ފަސް ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރު ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއްގެ އިތުރުން 22 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އޭގެތެރެއިން 28 އަހަރުގެ މީހާއަކީ ބަންގްލަދޭޝް ރައްޔިތެއް ކަމަށާއި އަނެއް ހަތަރު ފިރެހެނުންނަކީ ސްރީލަންކާގެ ރައްޔިތުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެމީހުން ހައްޔަރުކޮށްފައި ވަނީ ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ހަމައެހެންމެ، އެމީހުންގެ އަތުން ފެނުނު ބަނގުރާ ފުޅިތަކުގެ ތެރެއިން ދެ ފުޅިއެއް ފެނިފައި ވަނީ މަގުމަތިން ހައްޔަރު ކުރި 30 އަހަރުގެ މީހާގެ ކޮޑުގައި އޮތް ދަބަހަކުން ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ދިރިއުޅެމުންދާ ގެސްޓު ހައުސް އިން ނުކުތް 22 އަހަރުގެ މީހާ އާއި 28 އަހަރުގެ މީހާ ހުއްޓުވައު ބަލައި ފާސް ކުރި އިރު އެ ދެމީހުން ގެންގުޅުނު ދަބަހެއްގެ ތެރެއިން ވެސް ފަސް ފުޅި ބަނގުރާ ފެނިފއިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހަމައެއާ އެކު ކޯޓު އަމުރެއްގެ ދަށުން އެ ގެސްޓު ހައުސް ބަލައި ފާސް ކުރި އިރު 33 ފުޅި ބަނގުރަލާއި 44000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ އާއި ފަސް ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.