05 Apr 2016, 16:23
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ ޝަރީއަތުގެ އަޑުއެހުމަށް މިއަދު ނޫސްވެރިން ނުވެއްދި އިރު، ކޯޓު ރޫމުގައި ޝަރީއަތް އަޑުއަހަން ވަދެވޭނެ ހުސްޖާގަ ހުރި ކަމަށް އަދީބުގެ އާއިލާ އިން ބުނެފި އެވެ.
ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް ވަނުމަށް ޓަކައި މިއަދު ނޫސްވެރިން ވަނީ ނަންނޯޓުކޮށްފަ އެވެ. ނަމަވެސް ޝަރީއަތް އޮންނަ ގަޑިއަށް ނޫސްވެރިން ދިޔުމުން ކޯޓު އޮފިސަރު ވިދާޅުވީ ޖާގަނެތުމުން ނޫސްވެރިންނަށް މިއަދު ޝަރީއަތުގެ މަޖިލީހަށް ވަދެވެން ނެތް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ވައްދާފައި ވަނީ އަދީބާއި ޒިޔަތު އަދި ހާމިދުގެ އާއިލާގެ ބޭފުޅުން އެކަންޏެވެ.
ޝަރީއަތުގެ މަޖިލީހަށް ފަހު އަދީބުގެ އާއިލާގެ ބޭފުޅުން ވަނީ ނޫސްވެރިން އަޑުއެހުމަށް ނުވަންނާތީ އެކަމާ ގުޅިގެން ކޯޓުގެ ބޭރުގައި ތިބި ނޫސްވެރިންނާ ސުވާލުކޮށްފަ އެވެ.
އަދީބުގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ ޝަރީއަތް އަޑުއަހާ މީހުން ތިބޭ ގޮނޑިބަރީގައި ހަ ވަރަކަށް ގޮނޑި ގޮސްކޮށް ހުރި ކަމަށާއި ޖާގަނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ހަދަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ.
"ކަނޑައެޅިގެން ދޮގު އެހަދަނީ. އަޅުގަނޑަކީ ޝަރީއަތުގެ މަޖިލީހަށް ވަތް މީހެއް. އެތަނުގައި ހަ ވަރަކަށް ގޮނޑި ހުރި ހުސްކޮށް. ޝަރީއަތް ނިމުނުއިރު ވެސް އެ ގޮނޑިތައް ހުރީ ހުސްކޮށް،" އަދީބުގެ އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.
ވަކި ސަބަބެއް އެންގުމެއް ނެތި ރާއްޖެ ޓީވީ އާއި ހަވީރު އޮންލައިނާއި އަވަސް އޮންލައިނާއި ވީމީޑިއާގެ ނޫސްވެރިންނަށް ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ނުވަދެވޭނެ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.