ވޮޝިންގޓަން : އަލްޤާޢިދާގެ ވެރިޔާ އުސާމާ ބިންލާދިން އަވަހާރަކޮށްލި ކަމުގެ ޚަބަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފެތުރުއްވުމުން ވައިޓް ހައުސްގައި އިތުރު ދައުރެއް ފުރިހަމަ ކުރުމުގެ ފުރްސަތު އޭނާއަށް ބޮޑުވެއްޖެ ކަމަށް އޮބްޒާރވަރުން ބުނެފިއެވެ.

މަސްރަޙް ދިރާސާ ކުރައްވާ އެމެރިކާގެ ބައެއް މުޙައްލިލުންނާ އަދި އޮބްޒާވަރުންނާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި ސެޕްޓެމްބަރ 11 އިގެ ޙަމަލާތަކުގެ ފަހަތުގައި ވަނީ އުސާމާ ކަމަށް އެމެރިކާ ސަރުކާރުން ބުނާބުނުން އެމެރިކާގެ މަދުބަޔަކު ޤަބޫލު ނުކުރިނަމަވެސް އެމެރިކާގެ ގިނަބަޔަކު މިކަން ޤަބޫލުކުރެއެވެ.

އެހެންކަމުން އުސާމާ އަވަހާރަ ކޮށްލުމުގެ ޚަބަރު ލިބުމުން އެމެރިކާގެ ޢާންމުންގެ ހިތްތަކަށް ފޯރިއާއި ޖޯޝުއައިސް ރައްޔިތުންގެ މެދުގައި އޮބާމާގެ މަޤްބޫލުކަން ވަރަށް ބޮޑަށް އިތުރުވެ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު އޮބާމާއަށް ބޮޑުވެގެން ދާނެކަމަށް މިފަރާތްތަކުން ދެކެއެވެ.

އުސާމާ އަވަހާރަކޮށްލެވިއްޖެކަން އޮބާމާ ވިދާޅުވުމުން އެމެރިކާގެ އެތައް ހާސްބަޔަކު ވައިޓް ހައުސްގެ ކުރިމަތީގައި އެއްވެ އެކަމާ އުފާފާޅުކޮށް އުޅުނު އުޅުމަކީ މިކަމުގެ ހެއްކެކެވެ. އިޤްތިސާދީ، އިޖްތިމާޢީ އަދި ސިޔާސީ ބޮޑެތި ވަޢްދުތަކާއެކު ވެރިކަމަށް ވަޑައިގެންނެވި ބަރަކް އޮބާމާއަށް ކުރިމަތިވެ ވަޑައިގެންނެވި އިޤްތިސާދީ ކާރިޘާތަކާ ގުޅިގެން އޭނާގެ އިޤްތިސާދީ އަދި އިޖްތިމާޢީ ސިޔާސަތުތައް ވަނީ ފޭލްވެފަ އެވެ.

ޢިރާޤާޢި އަފްޣާނިސްތާން ހަނގުރާމައިގެ ޚަރަދުތަކުގެ ސަބަބުން އިޤްތިސާދީ ވަޅުގަނޑަކަށް އެމެރިކާ ވެއްޓުމުގެ އިތުރުން މުސްތަޤްބަލްގައި ޗައިނާފަދަ ޤައުމުތަކާ ވާދަކުރުމުގެ ޤާބިލްކަންވެސް ކުޑަވެގެންދިޔުމުގެ ބިރާކުރިމަތިލާންޖެހިފައިވާ އެެމެރިކާގެ ޙަޤީޤީ ވާދަވެރިން މިހާރުވަނީ ވަރަށް ގިނަވެފައެވެ.

މީގެއިތުރުން ޒަމާނުއްސުރެ އެމެރިކާގެ ނުފޫޒު ބޮޑު ޢަރަބި ކަރާގައި ހިނގަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާއެކު އެސަރަޙައްދުން އެމެރިކާގެ ނުފޫޒު ކުޑަވެގެންދާއިރު އެމެރިކާއަށް ކުރެވޭނެ މާބޮޑުކަމެއްނެތްކަން ދަނީ ހާމަވަމުންނެވެ.
މިކަމުގެ ސަބަބުން އޮބާމާގެ މަޤްބޫލުކަން ގެއްލި އަދި އެމެރިކާގެ ރައްޔިތުން މާޔޫސްވެފައިވާ މިދަނޑިވަޅުގައި ބިންލާދިން އަވަހާރަކޮށްލިކަމުގެ ޚަބަރު ފެންމަތިކޮށްލުމަކީ ހުރިހާ ގޮތަކުންވެސް އޮބާމާއަށް ހެޔޮފާލެއް ކަމަށް އެމެރިކާގައި ޝާއިޢު ކުރެވުނު މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މިކަމުގެ ސަބަބުން އޮބާމާގެ ނާކާމިޔާބީތަކުގެ މަތިންނާއި އިޤްތިސާދީ ދަތިތަކާ އަދި ތެލުގެ އަގުބޮޑުވުމުގެ ސަބަބުން ޖީބުތަކަށް ކުރާބާރުގެމަތިން އެމެރިކާގެ ރައްޔިތުން ހަނދާންނެތި ވަރުގަދަ ލީޑަރެއްގެ ގޮތުގައި އެމީހުންގެ ހިތްތަކުގައި އޮބާމާގެ ސޫރަ ކުރެހިގެންދާނެ ކަމަށްވެސް އޮބްޒާވަރުންނާ ޙަވާލާދީ ރޮއިޓާސް ބުނެއެވެ. (އެެމެރިކާގެ މީޑިޔާ+ރޮއިޓާސް)