އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު ތަންފީޒުވެއްޖެ ނަމަ ރާއްޖޭގައި ނޫސްވެރިކަމެއް ނޯންނާނެ ކަމަށް "ހަވީރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އިސްނަގައިގެން ރޭ ޝީ ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އަބުރާއި ހިޔާލުފާޅު ކުރުމުގެ ބިލުގެ ސަބަބުން ހަމައެކަނި ގެއްލިގެން ދާނީ ނޫސްވެރިކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ހޮޅުއަށިތަކާއި އެފަދަ ފޯރަމްތަކުގައި ވެސް ވާހަކަ ނުދެއްކޭނެ ކަމަށެވެ.

ހަވީރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް ރޭ މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ފޯރަމްގައި: ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަބުރާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު މިތަނުގައި [ރާއްޖޭގައި] ތަންފީޒުވެއްޖެ ނަމަ ނޫސްވެރިކަމެއް ނޯންނާނެ. ނޫސްވެރިކަން އެކަންޏެއް ނޫން. ހޮޅުއަށިތަކުގައި ވެސް އަދި މިފަދަ ފޯރަމުތަކުގައި ވެސް ވާހަކައެއް ނުދެއްކޭނެ. އަނެއްކާ ނޭނގެ އަޅުގަނޑުމެންނަށް ކިހިނެއް ކަމެއް، މިސާލަކަށް އަޅުގަނޑުމެން އަތުން އިޝާރާތް ކޮށްލާ ގޮތަކުން ވެސް ޖޫރިމަނާ ކޮށްފާނެ. އެހެންވީމަ އަޅުގަނޑަށް ހީވަނީ ފަންކުޝަން ނުކުރުމުގެ މައްސަލަހެން މި ދިމާވަނީ،" މޫސަ ވިދާޅުވި އެވެ.

އެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން "ސަން" އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ އެ ބިލުގެ ސަބަބުން ތަފާތު ސުޓައިލްތަކަށް ލިޔަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ގެއްލިގެންދާނެ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮތީ މަޖާޒީ ގޮތުން ލިޔުމާއި ފޮނި އިބާރާތް ބޭނުންކޮށްގެން ލިޔުން [ހިފިހެއްޓިފައި]. މިއީ ވަރަށް ކުރިންސުރެ ވެސް ހިފެހެއްޓިފައި އޮތް ކަމެއް ވަރަށް ފަހުން ކުޑަކޮށް ދޫކޮށްލެވިފައި އޮތީ. އަނެއްކާ ވެސް އެކި ސްޓައިލުގައި ލިޔަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ގެއްލިގެން އެބަދޭ. މި ހުންނަނީ ވަރަށް ބޮޑެތި ކޮންސާންތައް،" ހިރިގާ ވިދާޅުވި އެވެ.

ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ރޭގެ ފޯރަމުގައި ވާހަކަފުުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ފޯރަމުގައި "ދުވަސް" ނޫސްގެ ފަރާތުން ވާހަކަދައްކަވަމުން މުހައްމަދު ނާސިހު ވިދާޅުވީ އަބުރާއި ހިޔާލުފާޅު ކުރުމުގެ ބިލުގެ ފުރަތަމަ މާއްދާއިން އެންމެ ފަހު މާއްދާއާ ހަމައަށް ވެސް ނޫސްވެރިކަމުގެ މިނިވަންކަން ވަނީ ހުއްޓުވާފައި ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގައި ނޫސްވެރިކަމުގެ މިނިވަންކަން ފުރިހަމައަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މި ބިލަކީ އޭގެ ޒާތުގައި އުފެދުމުގައި ވެސް ނެތް ބިލެއް. އުފެދުމުގައި ވެސް މި ބިލުގެ މަގްސަދެއް ނެތް. އުފެދުމުގައި ވެސް މި ބިލުގައި ރަނގަޅެއް ނެތް. އެހެންވީމަ ބިލަކީ އުފެދުމުގައި ވެސް މަރުވާން ޖެހޭ އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެން އެބަޖެހޭ ނިންމަން. އަދި މި ބިލު މަރާލުމަށް އެބަޖެހޭ އަޅުގަނޑުމެން ހުރިހާ ނޫސްވެރިން އެބަޖެހޭ މަސައްކަތް ކުރަން،" ނާސިހު ވިދާޅުވި އެވެ.

ރޭ މީޑިއާ ކައުންސިލުން އިސްނަގައިގެން ބޭއްވި ނޫސްވެރިންގެ ފޯރަމްގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައި ވަނީ އަބުރާ ބެހުމާއި އިސްލާމް ދީނާ ހިލާފަށް ހިޔާލު ފާޅުކުރުމުންނާއި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހިޔާލު ފާޅުކުރުމުން ފަސް މިލިއަން ރުފިޔާއާ ހަމަޔަށް ޖޫރިމަނާކޮށް ޖަލަށް ލެވިގެންދާނެ ކަމަށެވެ.

އެ ބިލުގައި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކޮށްފި ނަމަ ބައި ލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި މި ފައިސާ ނުދައްކައިފި ނަމަ އެއް އަހަރަށް ޖަލަށް ލެވޭނެ އެވެ.