ދިވެހި ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން ޚާއްސަ ފޯރަމެއް މިރޭ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

"ދަ މޯލްޑިވްސް؛ ސާރޗިންގް ފޯ އަ ލޮސްޓް ޑިމޮކްރަސީ"ގެ ނަމުގައި މި ރޭ ލަންޑަނުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި، މާހިރުންގެ ގޮތުގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި، ކޮންޒަވޭޓިވް ހިއުމަން ރައިޓްސް ކޮމިޝަނުން ބެނެޑިކްޓް ރޮޖާސްއާއި ދެކުނު އޭޝިއާގެ ގައުމުތަކުގައި އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ މާހިރު އައްބާސް ފާއިޒު ވާހަކަ ދައްކަވަން ވަނީ ހަމަޖެހިފަ އެވެ.

މި ޑިސްކަޝަން އޮންނާނީ މިރޭ ރާއްޖެ ގަޑިން 8:00 ގަ އެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ލަންޑަނުގައި މިރޭ ބާއްވާ އިރު، ލަންޑަނުގައި މިހާރު ތިއްބެވި ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން ވަނީ، ގުޅިގެން ސިޔާސީ ކުރުމަށް މީގެ ދެ ހަފްތާ ވަރު ކުރިން ނިންމައިފަ އެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ހާލަތާއި، އަދި މަރުގެ ހުކުމާއި ބެހޭ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްތަކެއް ރޭއްވެވި އެވެ.

ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމެވީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ޚާރިޖީ ވަޒީރު އަދި އދ. އިން އީރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ ރެޕެޓުއާ ޑރ. އަހްމަދު ޝަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.