ދެހާސް ފަނަރަ ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުގެ އަސްކަރީ ޚަރަދުތައް އެހެން އަހަރުތަކަށްވުރެ އިތުރުވެއްޖެ އެވެ. މިއީ 2011 ވަނަ އަހަރަށް ފަހު ދުނިޔޭގެ އަސްކަރީ ޚަރަދުތައް ދަށަށްގޮސްފައި އޮތުމަށް ފަހު އަނެއްކާ ވެސް މިޚަރަދުތައް އިތުރުވި ފުރަތަމަ ފަހަރެވެ.

ހޮލެންޑްގައި ހުންނަ ސްޓޮކްހޮމް އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިޓިއުޓުން ބުނީ 2015 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުގެ އަސްކަރީ ޚަރަދުތައް އެކެއް އިންސައްތައަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. މިއާއެކު މިދިޔައަހަރު ދުނިޔޭގެ ގައުމުތަކުން އެކެއް ޕޮއިންޓް ހައެއް ޓްރިލިޔަން ޑޮލަރު އަސްކަރީ ކަންކަމަށް ހޭދަކޮށްފައިވެއެވެ. ސްޓޮކްހޮމް އިންސްޓިޓިއުޓުން ނެރުނު އަހަރީ ރިޕޯޓްގައިވާގޮތުން މިދިޔައަހަރު އަސްކަރީ ޚަރަދުތައް އެންމެ ބޮޑީ ހަތަރު ގައުމެއްގައެވެ. އެއީ އެމެރިކާ، ޗައިނާ، ސައޫދީ އަރަބިޔާ އަދި ރަޝިޔާއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިދިޔަ އަހަރުވެސް އަސްކަރީ ބަޖެޓް އެންމެ ބޮޑީ އެމެރިކާގަ އެވެ.

އެމެރިކާގެ އަސްކަރީ ބަޖެޓަކީ 596 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް މިއީ އޭގެ ކުރީ އަހަރުކަމަށްވާ 2014 ވަނައަހަރު އެމެރިކާގެ އަސްކަރީ ބަޖެޓަށްވުރެ 2.4 އިންސައްތަ ދަށް މިންވަރެކެވެ. އަނެއް ތިން ގައުމު ކަމަށްވާ ޗައިނާއާއި ސައޫދީ އާއި ރަޝިޔާގެ އަސްކަރީ ޚަރަދުތައްވަނީ އޭގެ ކުރީއަހަރުތަކާ އަޅާބަލާއިރު މައްޗަށް ގޮސްފައެވެ. ޚާއްސަކޮށް ޗައިނާގެ އަސްކަރި ޚަރަދުތައް ވަރަށް ބޮޑުތަން ބޮޑުކޮށްފައިވެ އެވެ. މިއާ އެކު 2015 ވަނަ އަހަރު ޗައިނާގެ އަސްކަރީ ބަޖެޓްގެ މިންވަރަކީ 215 ބިލިޔަން ޑޮލަރެވެ. ޗައިނާއަކީ އަހަރުން އަހަރަށް އަސްކަރީ ބަޖެޓް ބޮޑުކުރަމުން ދާ ގައުމެކެވެ.

ސައޫދީ އަރަބިޔާގެ އަސްކަރީ ބަޖެޓްގެ މިންވަރަކީ 87 ބިލިޔަން ޑޮލަރެވެ. ރަޝިޔާގެ އަސްކަރީ ބަޖެޓްގެ މިންވަރަކީ 66 ބިލިޔަން ޑޮލަރެވެ. ޔޫރަޕްގެ ބޮޑެތި ގައުމުތައް ކަމަށްވާ ޖަރުމަނާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އަސްކަރީ ބަޖެޓްތައް މިއަށްވުރެ މާކުޑައެވެ. އަދި އިންޑިޔާއާއި ބްރަޒީލްއާއި އިންޑޮނީޝިޔާ ފަދަ ކުރިއަރަމުންދާ ބޮޑެތި ގައުމުތަކުގެ އަސްކަރީ ބަޖެޓްތައް އުޅެނީ 40 ބިލިޔަން ޑޮލަރަށްވުރެވެސް ފަހަތުގަ އެވެ. ނަމަވެސް ކުރީއަހަރުތަކަށް ވުރެ 2015 ވަނަ އަހަރު އަސްކަރީ ބަޖެޓްތައް ބޮޑުކުރި ގައުމުތަކުގެ ތެރޭގައި އިންޑޮނީޝިޔާ، އުތުރުކޮރެޔާ، ޖަޕާން، އަދި ވިއެޓްނާމް ހިމެނެ އެވެ. (ނޫސްއެޖެންސީތައް)