ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ އެހެން އެއްވެސް ކްލަބަކާ މަޝްވަރާ ކުރިޔަކަ ނުދޭނެ ކަމަށް އެކްލަބުގެ ރައީސް ޖޯސެޕް ބާޓޮމެއު ބުނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި، އުމުރުން 24 އަހަރުގެ ފޯވަޑް ހޯދުމަށް ވާދަވެރި ރެއާލް މެޑްރިޑާއި ފްރާންސް ޗެމްޕިއަން ޕެރިސް ސެއިން ޖާމަން (ޕީއެސްޖީ) މަސައްކަތްކުރެ އެވެ.

ބާސާއާ އެކު ނޭމާ ހަދާފައިވާ އެއްބަސްވުން 2018 ވަނަ އަހަރު ނިމުމަކަށް އަންނައިރު، އެއްބަސްވުން އޭނާ އާކުރާނެ ކަމަށް އެކްލަބުން ގަބޫލުކުރެ އެވެ. އެހެންނަމަވެސް ނޭމާގެ އެޖެންޓް ވަނީ ޕީއެސްޖީއަށް އޭނާ ސޮއިކޮށްފާނެ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ.

"ނޭމާއާ މަޝްވަރާކުރަން އެއްވެސް ކްލަބަކުން ބޭނުންވިޔަސް، އޭނާއާ މަޝްވަރާ ކުރުމުގެ ހުއްދައެއް އަހަރެމެންނެއް ނުދޭނަން. ނޭމާ ހުންނާނީ ބާސާގައި،" ބާސާގެ ރައީސް ބާޓޮމެއު ބުންޏެވެ.

މި ސީޒަނުގައި ނޭމާގެ ފަރާތުން އެކްލަބަށް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ. އޭނާ ވަނީ މި ސީޒަނުގައި ބާސާއަށް ކުޅުނު 39 މެޗުން 27 މެޗު ކާމިޔާބުކޮށްދީފަ އެވެ.