05 Apr 2016, 15:30
ގާނޫނު އަސާސީއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި، އެޖަމިއްޔާއިން ބުނެފައި ވަނީ ދާދި ފަހުން ދިވެހި ސަރުކާރުން ނޫސްވެރިކަމަށާއި ނޫސްވެރިންނާ ދެކޮޅަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެކަންކަމާ ދެކޮޅަށް ނޫސްވެރިންތަކެއް މުޒާހަރާ ކުރުމުން އެމީހުން ހައްޔަރު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެޖަމިއްޔާއިން ބުނީ، ރާއްޖޭގެ އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީ، ރާއްޖޭގައި ނޫސްވެރިކަމަށާއި ނޫސްވެރިންނަށް އޮތް ހުރަސްތަކާ ބެހޭ ވާހަކަތައް ފާހަގަ ކުރަމުން ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގައި ނޫސްވެރިންނަށް އޮތް ހުރަސްތައް ނެތުމުގެ ބަދަލުގައި ދަނީ އިތުރުވަމުން ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ކޯޓުތަކާއި ގާނޫނުތަކުން ވެސް ހުރަސް އަޅަމުންދާ ކަމަށެވެ.
ޓްރާންސްޕޭރެންސީއިން ބުނީ، ދައުލަތުން ރައްކާތެރިކޮށްދޭން ޖެހޭ ހައްގެއް ކަމުގައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދީ، މިހާރު މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ އަބުރު ރައްކާކުރުމާއި ޚިޔާލު ފާޅުކުރުމުގެ ބިލު އަނބުރައި ގެންދިއުމަށް އެ ޖަމިއްޔާއިން ސަރުކާރަށް ގޮވާލާ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ދިވެހި ނޫސްވެރިން ވަނީ، ރާއްޖޭގައި ނޫސްވެރިންގެ ހައްގުތައް ަކަށަވަރު ކޮށްދިނުމަށް ގޮވާލައި، މުޒާހަރާ ކޮށްފަ އެވެ. އެހެން ނަމަވެސް އެ މުޒާހަރާ ފުލުހުން ރޫޅާލައި، އޭގެ ތެރެއިން 17 ނޫސްވެރިއަކު ހައްޔަރު ކުރި އިރު، އޭގެ ތެރޭގައި 7 އަންހެން ނޫސްވެރިއަކު ވެސް ހިމެނެ އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން، މޯލްޑިވްސް މީޑިއާ ކައުންސިލުން ރޭ ވަނީ ނޫސްވެރިންނާ އެކު ޕެނަލް ޑިސްކަޝަނެއް ކުރިޔަށް ގެންގޮސް، ކަންބޮޑުވުންތަކާއި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ވެސް ކޮށްފަ އެވެ.