05 Apr 2016, 15:27
ފަހަކަށް އައިސް އާސެނަލްގެ ފުރަތަމަ އެގާރައިން ޖަރުމަން ޑިފެންޑަރު ޕާ މަޓަސޭކާއަށް ފުރުސަތު ނުލިބޭތީ އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އުމުރުން 31 އަހަރުގެ ޑިފެންޑަރު އާސެނަލަށް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ އެފްއޭ ކަޕްގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ވެޓްފޯޑްއާ ކުޅެ، 2-1 ލަނޑުން ބަލިވި މެޗުގައެވެ. އެ މެޗަށްފަހު އެޓީމުގެ އެންމެ ފަހަތުން ޖާގަ ދެމުންދަނީ ގެބްރިއަލް އާއި ލޯރެންޓް ކިޝިއަލްނީ އަށެވެ.
ވެޓްފޯޑް އަތުން ބަލިވެ، އެފްއޭ ކަޕުން އަލްވަދާއު ކިޔަން ޖެހުނު މެޗަށްފަހު އާސެނަލްގެ ބެންޗުގައި އިންނަން ޖެހިފައިވާ މަޓަސޭކާ އެކަން ފާހަގަކޮށްފައިވަނީ އައު ކަމެއްގެ ގޮތުގައެވެ.
"މިއީ އަހަރެންނަށް ވަރަށް އައު ކަމެއް. މިފަދަ ކަމަކާ އަހަރެން ކުރިން ކުރިމަތިލާފައެއް ނުވާނެ. އަހަރެން މިހުރީ ފިޓްކޮށް. އެކަމަކު އަހަރެންނަށް މެޗެއްގައި ބައިވެރިއެއް ނުވެވޭ،" ސްޕޯޓް ވަން އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
މަޓަސޭކާ ބުނީ، ބެންޗުގައި އިންނަން ޖެހުނަސް، ކުޅުމުގެ ފުރުސަތު އަލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ފުޓްބޯޅައަކީ ކަންތައްތައް ވަރަށް އަވަސް އަވަހަށް ބަދަލުވާ ކުޅިވަރެއް ކަމަށެވެ.
"ކޮންމެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ކެރިޔަރުގައި ވެސް އަޑިގަނޑުތަކާއި އުސްގަނޑުތައް އަންނާނެ. ކޮންމެ ގޮތަކަށް ކަންތައް ދިމާވިޔަސް، އަހަރެން ކޯޗުގެ ބަސްތައް އަޑުއަހަން. ކޯޗު ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އަހަރެން ހުންނާނީ ތައްޔާރަށް،" އޭނާ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އޮތީ ކުޅުނު 31 މެޗުން ލިބުނު 58 ޕޮއިންޓާއެކު ތިން ވަނައިގައެވެ. އާސެނަލަށް ލީގުގައި ބާކީ ހަތް މެޗު އޮތްއިރު، އެއް ވަނައިގައި އޮތް ލެސްޓާ ސިޓީއާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.