05 Apr 2016, 15:05
މައްސަލައާ ގުޅޭ ލިޔުންތައް ނުލިބެނީސް ދައުލަތުން އުފުލާފައިވާ ހިޔާނާތްތެރިވުމާއި ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާއަށް ޖަވާބުދާރީ ވެވެން ނެތްކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި މ. ޝުރާމަންޒިލް، ހާމިދު އިސްމާއީލް އާއި އެމްއެމްޕީއާރްސީގެ ކުރީގެ މޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ވަތް އަދީބުގެ އައިލާގެ ބޭފުޅަކު ވިދާޅުވީ ކުރީ ދުވަހެކޭވެސް އެއްގޮތަށް އެ ތިން ބޭފުޅުންގެ ވަކީލުން މިއަދު ވެސް ވިދާޅުވީ ލިޔުންތައް ލިބިފައިނުވާތީ ދައުވާ އަށް ތަފްސީލީގޮތެއްގައި ޖަވާބުދާރީވެވެން ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތިން ބޭފުޅުން ވެސް މިއަދު ދައުވާ އަށް އިންކާރު ކުރައްވާފައިވާ ކަމަށެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައެވެ.
މާބިންހުރާ ކުއްޔަށްދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެ އެ ޗެކުގައިވާ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޒިޔަތުގެ މައްޗަށެވެ. އަދި އެ ފައިސާ އަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައި ވަނީ އަދީބާއި ހާމިދުގެ މައްޗަށެވެ.